މެންދަމު ބާރައިގެފަހުން މާލޭގައި ހިނގާ ބިނގާ އުޅޭމީހުން ފުލުހުން ހުއްޓުވައި ސުވާލު ކުރި ދުވަސްވަރެއް އައެވެ. ހަމަ އެކަނި ހިނގާ ބިނގާ އުޅުނު މީހުން އެކަންޏެއްނޫނެވެ. އުޅަނދުފަހަރުގައި ދުއްވާފައި ދާ ފަރާތްތައްވެސް މެއެވެ. މީގެ ތެރެއިން ރެއެކެވެ.
މާލެއަށް އުފަން ހ. ބަރުދާސްތުގޯތީ، ހަސަނަށް ގެއަށް އާދެވުން ލަސްވެއްޖެއެވެ. ހަސަނަކީ ވާހަކަ ދެއްކުމުގައި ކުޑަކޮށް އަޅައިގަންނަ ގޮތެއް ހުންނަ ކުއްޖެކެވެ. އެ ސޮރުގެ ޢުމުރަކީ ސަތާރަ އަހަރެވެ.
ހަސަނު ދަންވަރު ބާރަގަޑި ފަނަރަ އެހައިކަންހާއިރު މަޖީދީ މަގުން ނިކަން ހަރުކޮށް ގެއަށްދާން ދިޔައީ ފުލުހުންނަށް ފެނިދާނެތީ ވަރަށް ބިރުން ހުރެއެވެ. އެހާ ހަރުކޮށް ހިނގާފައި ދަނިކޮށްވެސް ފުލުހަކާ ދިމާވެއްޖެއެވެ. ފުލުހުން ފެނިގެން ބިރުން ތުރުތުރު އަޅާތީ ދެފައި ފިއްތައިގެން ހުރި ހަސަނާ ފުލުސް އޮފިސަރު ސުވާލުކޮށް، ނަމާއި އެޑްރެސް ކުޑަ ފޮތެއްގައި ނޯޓު ކުރުމަށްފަހު އެހިއެވެ. "ހަސަނު ކޮންތާކުން ކޮންތާކަށް ތިޔަ ދަނީ؟" ހަސަނު ވަރަށް އަވަހަށް ޖަވާބު ދީފިއެވެ. "ބޮ ... ބޮ ބޮއިގެން ގެއަށް،" ފުލުސް އޮފިސަރު އިތުރު އެއްވެސް ސުވާލެއް ކުރުމެއްނެތި ހަސަނު އަތުގައި ހިފައިގެން ގެންގޮސް ފުލުސް އޮފީހަށް ވެއްދިއެވެ. ގެންގޮސް ގޮނޑި އަކަށް އިޝާރާތް ކޮށް އެތާ އިށީންނާށޭ ބުންޏެވެ. އެރޭ އިރު އަރަންދެން ހަސަނު އިންނަން ޖެހުނީ ފުލުސް އޮފީހުގައި ބަހައްޓާފައި ހުރި ލަކުޑި ދިގު ގޮނޑިއެއްގައެވެ.
ރޭ ދެބައި ވީއިރުވެސް ހަސަނު ގެއަށް ނައުމުން އޭނާގެ އާއިލާމެންބަރުން ވަރަށް ކަންބޮޑުވެއްޖެއެވެ. އެހެންކަމުން ހަސަނުގެ ރައްޓެހިން އުޅޭ ހުރިހާ ގެއަކަށް ގޮސް ހަސަނު އުޅޭތޯ ބެލިއެވެ. ނަމަވެސް އެއްވެސް ގެއަކުން ހަސަނެއް ނުފެނުނެވެ. އެޒަމާނަކީ ފޯނުގެ ޚިދުމަތް ލިބޭ ޒަމާނަކަށް ނުވުމުން ހަސަނުގެ އާއިލާގެ މެންބަރުން މާލޭގެ އެތައްމިތަން ހޯދަމަށް އަތްފުނާ އަޅަމުން ދިޔައެވެ. ހެނދުނު އިރު އަރަންދެންވެސް މިބައި މީހުން އުޅުނީ މިފަދަ ހާލެއްގައެވެ.
ހެނދުނު ނުވައެއް ޖަހާ އެހައިކަންހާއިރު ސިފައިންގެ މަތީ އޮފުސަރެއް ވަޑައިގެން ހަސަނު ކުރިމަތީ ގޮނޑި އެއް ބަހައްޓާފައި އިށީނދެ ސުވާލު ކުރަން ފެއްޓެވި އެވެ. ހަސަނު ފުލުސް އޮފީހަށް ގެނެވުނީ ކީއްވެތޯ ސުވާލު ކުރިއެވެ. ހަސަނު ނޭނގޭ ކަމަށް ބުންޏެވެ. ކޮންތާކުން ކޮންތާކަށް ދަނިކޮށްތޯ ފުލުހަށް ގެނެވުނީ ބުނުމުން މިފަހަރުވެސް ޖަވާބުގައި ހަސަނު ބުނީ ބޮއިގެން ގެއަށް ކަމަށެވެ. އޮފިސަރު ނިކަން ބާރަށް ބުއްޏެވެ. ކޯޗެއް ބޮއިގެން ހެޔެވެ؟ ހަސަނު ބިރުން ތުރުތުރު އަޅާ ހާލު ބުންޏެވެ. އަޅުގަނޑު އެއްވެސް އެއްޗެއް ނުބޮމެވެ. އޮފިސަރު އަނެއްކާވެސް ބުނެފިއެވެ. ދެންމެ ތިބުނީ ބޮއިގެން ގެއަށް ދިޔަ ވާހަކަ ނޫން ހެއްޔެވެ؟ ހަސަނު ބުންޏެވެ. ލައްބައެވެ. އަޅުގަނޑު ފިލާވަޅު ދަސްކުރަން ބޮއިގޭގައި އިނދެފައި ގެއަށް ދަނިކޮށް ސިފައިން ހިފެހެއްޓީއެވެ. ގަޑިން ވީއިރެއް ބަލާނުލާ މާ ގިނައިރު އިނދެވުނީއެވެ. ފުލުހުންގެ އޮފިސަރު ފާޑަކަށް އެއްމިޔަކަނުން ހިނިތުންވެ ހުރެ އާން އެންމެ ރަނގަޅޭ ހަސަނު ދެން ގެއަށް ދާށޭ ބުންޏެވެ.