ޗުއްޓީއާ ދިމާކޮށް ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން ނ. ލަންދޫ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ލަންދޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ސްކޫލު ބަންދު ދުވަސްތައް ފެށިފައިވާއިރު ޗުއްޓީ ހޭދަކުރުމަށް ރަށުން ބޭރަށް ފުރައިގެންދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި ބޭރަށް ދާއިރު ގޭގައި ފައިސާ ނުބެހެއްޓުމަށާއި ދޮރުތައް ރަނގަޅަށް ތަޅުލެވުނުތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ. އަދި ކަމެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރަންވީ ގޮތްތައް ބުނެދީ އަދި ޗުއްޓީ ދުވަސްވަރު ވަގުތު ހޭދަކުރުމުގައި މައުލޫމާތު މުއްސަނދިކުރުމަށް ކިޔައިލާނެ ފޮތެއް ހަދިޔާކޮށްފައިވެއެވެ.