އަމިއްލަ ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އާއިލާތަކަށް ސަރުކާރުން އެހީވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މިކަން އިއުލާންކުރައްވައި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރޭ ވިދާޅުވީ ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ސަރުކާރުން އެހީތެރިވެދޭނެ ކަމަށެވެ. އެގޮތުން އަހަރަކު 500 އާއިލާއެއް ރަށަށް ބަދަލުވާން އެހީތެރިވާން ނިންމާފައިވާ ކަމަަށާއި އެ ކަމަަށް ދައުލަތުން 26.7 މިލިއަން ރުފިޔާ ހަރަދު ކުރާނެ ކަމަށްވެސް ޖެންޑާ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރަށްރަަށް މީހުން ފޮނުވާލުމަށް ވަނީ "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ނަމުގައި އުސޫލެއް އެކުލަވާލެވި ގެޒެޓް ކުރާ މަރުހަލާގައި ކަމަށާއި ރަަށްރަށް މީހުން ބަދަލުވުމަށް ހުށައަޅާމީހުން ހޮވާނީ އެކަމަށް ކަނޑައެޅިފައި އޮންނަ ޚާއްސަ ކޮމިޓީ އެއްގެ ބެލުމުގެ ދަށުން، ބޮޑެތި އާއިލާތަކާއި ކުޑަކުދިން ގިނަ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ އާއިލާތަކަށް އިސްކަން ދީގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިކަމުގައި އެހީތެރިކަމަށް އެދިލައްވަން ބޭނުންފުޅުވާ އާއިލާތަކުން އެ މިނިސްޓްރީގެ ހޮޓްލައިން 1421 އަށް ގުޅާ މައުލޫމާތު ހިއްސާކޮށް ދިނުމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ އެދިފައެވެ.