ބިދޭސީން ރާއްޖެ އައުމައްފަހު މެޑިކަލް ހަދަން ޖެހޭ މުއްދަތު 15 ދުވަހަށް ކުރުކޮށްފިއެވެ.

ކުރިން 30 ދުވަހުގައި އޮތް މި މުއްދަތު ކުރު ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. ރައީސް މި މުއްދަތު ކުރު ކުރެއްވުމަށް ނިންމެވީ އިއްޔެ އޮތް ކެބިނެޓްގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީިއިން ހުށައެޅު ކަރުދާހަކާ ގުޅިގެންނެވެ. ގެ އިތުރުންވެސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ހެދުމުގެ ނިޒާމް އިޞްލާޙުކޮށް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ. އަދި ރާއްޖޭގައި މިހާރު ތިބި ހުރިހާ ބިދޭސީން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި މެޑިކަލް ހަދާ ނިންމުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ޙާއްޞަކޮށް 'އެންޑެމިކް' ޤައުމުތަކުން އަންނަ މީހުން، ރާއްޖެ އައުމުގެ ކުރިންނާއި ރާއްޖޭގައި ތިބޭއިރު ޤަވާއިދުން، އޮންނަ އުޞޫލެއްގެ މަތިން 'އޮން-އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. އަދި ރާއްޖެއަށް ދިގު މުއްދަތަކަށް އަންނަ ހުރިހާ ބިދޭސީން (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓޫޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާ) ގައި އަންނައިރު 'އޮން އެރައިވަލް' އަދި އަހަރަކު އެއްފަހަރު މެޑިކަލް ހަދަން ޖެހޭނެކަމަށާއި، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރުވެސް މެޑިކަލް ހަދަންޖެހޭނެކަމަށް ނިންމަވާފައިވެއެވެ.