އަލްމުކައްލާ (27 ޑިސެމްބަރ) - ރަތްކަނޑުން ސަހްޔޫނީ އިޒްރޭލަށް ދަތުރު ކުރާ ކާގޯ ބޯޓްތައް ހިމާޔަތް ކުރާނެ ކަމަށް ބުނެ އެމެރިކާ އާއި އެގައުމުގެ ބައިވެރިން އުފައްދާފައިވާ ކޯލިޝަނުގެ ދިފާއުތައް ފޫއަޅުވާލައި ޔަމަނުގެ ހޫތީން ކާގޯ 2 ބޯޓަކަށް ހަމަލާދީފިއެވެ.
ޔަމަނު ސަރުކާރު ކޮންޓްރޯލް ކުރަމުން އަންނަ ހޫތީން ކާގޯ ދެބޯޓަށް ހަމަލާ ދީފައި ވަނީ ޑްރޯން އާއި މިސައިލުންނެވެ. މިކަން އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އޮތޯރިޓީއިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއޮތޯރިޓީއިން ހާމަކޮށްފައިވާ ގޮތުގައި ހޫތީން ހަމަލާދިނީ ޔަމަނުގެ ހުދައިދާ ބަނދަރާ 60 މޭލު ދުރުން ދަތުރު ކުރި ދެބޯޓަކަށެވެ. އެކަމަކު އެއީ ކޮން ކުންފުންޏެއްގެ ދެބޯޓުކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ހޫތީން ކާގޯ ދެބޯޓަކަށް ހަމަލާދީފައި މިވަނީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގްވާމީ ކަނޑުގެ ސިފައިންގެ ޓާސްކް ފޯހާ ރަތް ކަނޑުގައި ކުރިމަތިލާނެ ކަމަށް އިއްޔެ އިއުލާން ކުރުމަށްފަހުއެވެ.
ހޫތީން ބުނެފައި ވަނީ ސަހްޔޫނީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ޢުދުވާންތައް ހުއްޓާލުމަށް ދާންދެން އިޒްރޭލާއި އިޒްރޭލަށް ދަތުރުކުރާ ކާގޯ ބޯޓުތަކަށް ކަނޑުމަގުން ހަމަލާ ދޭނެ ކަމަށެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ގިނަ ކުންފުނިތަކުން ވަނީ އިޒްރޭލަށް ކާގޯ އުފުލުން ހުއްޓާލާފައެވެ.