ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް މީޑިއާއަށް ހާމަކުރުމަށް ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތައް ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މި ހަފުތާގައި ފަށައިގެން ކުރިއަށްދާކަމުގައި، ރައީސްގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކާއި، ކުރަމުންދާ މަސައްކަތްތަކާއި، ގުޅޭ މައުލޫމާތު، ހިއްސާކުރުމަށް ރައީސްއޮފީހުން، ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ސަރުކާރުގެ ވުޒާރާތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތަފުސީލު ހާމަކުރައްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ވިދާޅުވީ މި މަހުގެ 25 ވީ ހޯމަ ދުވަހު މީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަވާކަމުގައެވެ. އަދި އެ ބައްދަލުވުން ބޭއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯމާލަމުގައެވެ. ކުރިއަށްއޮތްތާނގާ އެހެން މިނިސްޓްރީތަކުންވެސް މިފަދަ ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށްގެންދަވާނެކަމުގައި ޝަހީބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން އަންނަނީ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުންކަމަށާއި، މި ގޮތަށް ނޫސްވެރިންގެ ބައްދަލުކުރެއްވުންތައް ބާއްވަނީ ސަރުކާރުން ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ކަންކަން އަންގައިދެއްވުމަށްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި މި ސަރުކާރުން އެއްވެސްވަރަކަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ސަރުކާރު ހިންގަވާނެކަމުގައި، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީބު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމަކީ، ރައީސް އޮފީހުން ރައްޔިތުންނަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރާއި ގުޅޭ މައުލޫމާތު ހާމަކޮށްދޭން، ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުވުމުގެ ތެރެއިން ދެވަނަ ނޫސްވެރިންގެ ބައްދަލުވުމެވެ.