ނިއުޒީލެންޑް ނަމޫނާއަކަށް ބަލައިގެން ޗައިނާއަށް އިހްތިރާމް ކުރުމަށް، ނިއުޒީލެންޑް ސަރުކާރުގެ އިސް މިނިސްޓަރަކު، އޮސްޓްރޭލިއަށް ގޮވާލައްވައިފިއެވެ.

މިކަމަށް ގޮވާލެއްވީ، ނިއުޒީލެންޑް ސަރުކާރުގެ ޓްރޭޑް މިނިސްޓަރ ޑާމިއެން އޯކޮނަރއެވެ.

އޭނާ ދާދިފަހުންވަނީ، ޗައިނާއާއެކު ވިޔަފާރީގެ ކާމިޔާބު މަޝްވަރާތަކެއް ކުރައްވާފައެވެ.

ޗައިނާއަށް އިހްތިރާމްކުރުމަށް ޓްރޭޑް މިނިސްޓަރ އޮސްޓްރޭލިއާއަށް ނަސޭހަތްތެރިވާ، ޗައިނާއާއެކު ބޭއްވި ވިޔަފާރީގެ މި މަޝްވަރާތަކަށް އިޝާރާތް ކުރައްވައެވެ.

ނިއުޒީލެންޑްގެ ޓްރޭޑް މިނިސްޓަރ ޑާމިއެން އޯކޮނަރ ވިދާޅުވީ، އޮސްޓްރޭލިއާއާ ބެހޭގޮތުން ނުވަތަ އެގައުމުން ގެންގުޅޭ ޚާރިޖީ ގުޅުންތަކުގެ މައްޗަށް އެއްޗެއް ބުނުމުގެ ހައްގެއް އޭނާއަށް ލިބިގެން ނުވާކަމަށެވެ.

އެހެން ނަމަވެސް، އޮސްޓްރޭލިއާއިން ނިއުޒީލެންޑަށް އިހްތިރާމްކޮށް އެގައުމާއެކު އޮތްނަމަ ޗައިނާއަށް ކުޑަކޮށް ނަމަވެސް އިހްތިރާމްކުރުމަށް ގޮވާލެއްވިއެވެ. އަދި އޮސްޓްރޭލިއާއިން ކަންކަމުގައި ބަސްބުނާއިރުވެސް ވިސްނައިގެން ވާހަކަ ދައްކަން ނިއުޒީލެންޑް ސަރުކާރުގެ ޓްރޭޑް މިނިސްޓަރ ގޮވާލެއްވިއެވެ.

ނިއުޒީލެންޑްގެ ޓްރޭޑް މިނިސްޓަރ މި މޭރުމުން ވާހަކަ މިދެއްކެވީ، ޗއިނާއިން ޝަކުވާ ކުރުމުންކަމަށް ވެއެވެ.

ނިއުޒީލެންޑް ސަރުކާރުގެ ޓްރޭޑް މިނިސްޓަރ ޑާމިއެން އޯކޮނަރގެ ވާހަކަތަކާ ގުޅިގެން އޮސްޓްރޭލިއާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނިއުޒީލޭންޑާއި އޮސްޓްރޭލިއާއަކީ އަވަށްޓެރި ދެގައުމަށްވެފައި، ދެގައުމުގެ ދެމެދުގައި ގާތް ގުޅުންތަކެއް އޮންނައިރު، އޮސްޓްރޭލިއާއާ ޚިޔާލު ތަފާތުވާ ވާހަކަތަކެއް، ނިއުޒީލެންޑްގެ ކެބިނެޓް މިނިސްޓަރަކު ދެއްކެވުމަކީ ވަރަށް ނާދިރު ކަމެއްގެ ގޮތުގައި މީޑިއާއިން ފާހަގަކޮށްފައި ވެއެވެ.

"ފައިވް އައިސް" ގެ ނަމުގައި 5 ގައުމެއްގެ ޖާސޫސީ އިދާރާތަކުން އުފައްދާފައިވާ ގްރޫޕްގައި ނިއުޒީލެންޑް ހިމެނޭއިރު، ޗައިނާމެދު ތަފާތު ވިސްނުމެއް ނިއުޒީލެންޑުން ގެންގުޅޭކަންވެސް މުހައްލިލުން ފާހަގަކުރެއެވެ.

އެ ގްރޫޕްގައި ދެން ހިމެނެނީ، އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިނގިރޭސިވިލާތެވެ.

ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ނުފޫޒު ފަތުރަމުންދާ މައްސަލާގައި އެމެރިކާ، އޮސްޓްލިއާއިން ސުވާލު އުފައްދަމުންދިޔަ ނަމަވެސް، ނިއުޒީލެންޑުން އެކަމުގައި އެއްޗެއް ބުނަނީ ވަރަށް ފަރުވާތެރިވެ އޮވެއެވެ.

ހޮންގްކޮންގައި ޑިމޮކްރަސީގެ ހަރަކާތްތެރިން ހިފައި ހައްޔަރުކޮށް ޖަލަށްލަމުންދާ މައްސަލާގައި "ފައިވް އައިސް" އިން ޗައިނާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ސޮއިކުރަން ނިއުޒީލެންޑް ފަސްޖެހުނީވެސް ޗައިނާއާމެދު އެގައުމުގެ ވިސްނުން ތަފާތުވީމާ ކަމަށް ބެލެވިފައި ވެއެވެ.