އިސްލާމިކް މިނިސްޓްރީން އުފައްދާ އިސްލާމިކް ޓީވީ ޗެނަލް އަންނަ މަހު ލޯންޗްކުރަން ނިންމާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ޖެނުއަރީ ދެވަނަ ދުވަހު ޒަކާތު ހައުސް އިފްތިތާހު ކުރާން ހަމަޖެހިފައިވާ ކަމަށާއި ޖެނުއަރީ ތިން ވަނަ ދުވަހު އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާހުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

ހަަމައެއާއެކު، ހައްޖާއި އުމްރާގެ ހިދުމަތުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ އިތުރުން އަތޮޅު ވަގުފު މަޝްރޫއު އިއުލާންކުރަން ނިންމާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެެވެ.

ވުޒާރާގެ 2024 ވަނަ އަހަރު އެކްޓިވިޓީ ޕްލޭން އަންނަ މަހުގެ 21 ވަނަ ދުވަހު އިފްތިތާހު ކުރާނެ ކަމަށްވެސް ވިދާޅުވެފައިވާއިރު، ރަމަޟާން މަހުގެ އިހުޔާ ޕްރޮގްރާމުތައް ގެންދާނެގޮތް މީޑިޔާއާ ހިއްސާކުރުން އަންނަ މަހުގެ 22 ވަނަ ދުވަހު އޮންނާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޖެނުއަރީ 23 ވަނަ ދުވަހު 1445ގެ ހައްޖު މީޑިއާ ކަވަރޭޖް، ރާއްޖެއާއި ސައުދީގައި ކުރިއަށް ގެންދާނެގޮތް މީޑިއާއާ ހިއްސާކުރުމަށް ރާވާފައިވާއިރު 24 ވަނަ ދުވަހު އެ ވުޒާރާގެ ފަރާތުން މީޑިއާ އާއި ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަންނަ މަަހު ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ ފަހު ކަމަކަށް ވަނީ އިސްލާމިކް ޗެނަލް އިފްތިތާހު ކުުރުމެވެ.