މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު ގިނަވެފައިވާތީ "މަދިރިން ރައްކާ" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ގައުމީ މިއަދު ފެށި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އާބަންކޯއިން ވިދާޅުވެއްޖެއެވެ. މި ހަރަކާތުގައި އާރބަންކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން 800 އަށް ވުރެ ގިނަ މީހުން ބައިވިރިވެފައިވެއެވެ.

މި ހަރަކާތް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ދެއްކެވި ވާހަކަފުޅުއިގައި، މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރ މި ހަރަކާތް ފެއްޓެވުމުގެ ގޮތުން ފާހަގަކުރެއްވީ މަދިރީގެ ނުރައްކަލުން ހުޅުމާލެ ސަލާމަތްކުރުމަށް މިއަދު މިފަށާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންގޮސް، ހުޅުމާލެއަކީ މަދިރިން ރައްކާތެރި ތަނެއްގެގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހެލްތް އަދި އެޗްޕީއޭ އާ ގުޅިގެން އާބަންކޯއިން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ޑިފެންސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް، ކަރެކްޝަނަލް ސާވިސް، އިމިގްރޭޝަން އާއި، ޑީއެންއާރގެ އިތުރުން އެމްޑަބްލިއުއެސްއީން ވެސް ބައިވެރިވެފައިވއެވެ.

މީގެ އިތުރުން މިއަދުގެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެމްކޯގެ ފުރިހަމަ އެއްބާރުލުމާ އެކުގައެވެ.

ހުޅުމާލެ 15 ސަރަހައްދަކަށް ބަހާލައިގެން މިއަދު ހެނދުނު 7:30 އިން ފެށިގެން ކުރިއަށް ދިޔަ ސާފުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. ގިނަ ބައެއްގެ އެއްބާރުލުމާ އެކު ކުރިއަށްދިޔަ މިހަރަކާތުގައި ހުޅުމާލޭގެ ގިނަ ސަރަހައްދުތަކެއް ސާފުކޮށް ކާމިޔާބުކަމާ އެކު ނިންމާލީ މިއަދު 11:00 ގައެވެ.

ހުޅުމާލެ އަކީ ސާފުތާހިރު އަދި މަދިރިން ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އާބަންކޯއިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.