މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ހިންގި ފުރަތަމަ އޮޕަރޭޝަނަކީ ގަވައިދާ ހިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ކެފޭއެއް ބަލައިފާސްކޮށް، ބަނގުރަލާއެކު ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެކެފޭ ބަލައިފާސްކުރިއިރު 7 ފުޅި ބަނގުރަލާއި 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށާއި އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލާފަ ދޫކޮށްލާފާ ކަމަށެވެ.
ހަމައެއާއެކު ފުލުހުން ހިންގި ދެވަނަ އޮޕަރޭޝަނަކީ ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން މިމަހުގެ 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މާލޭގެ ގެއެއް ބަލައިފާސްކޮށް، 34 ފުޅި ބަނގުރަލާއެކު 42 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލުމާއި ގުޅިގެން އެމީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.