ޕްރިންސެސް ޑަޔާނާ އަވަހަރާވިތާ އެތައް އަހަރެއް ފާއިތުވެގެން ދިޔައީއެވެ. އެހެންނަމަވެސް އޭނާގެ ހަނދާންތަކަށް ފަނޑުކަމެއް ނާދެއެވެ. ހިތްތަކުގައި އޭނާއާ މެދު އުފެދިފައިވާ އަބަދަށްފެހި ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެކަމަނާ އަވަހާރަވީ 1997 ވަނައަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަދުވަހު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށްނެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ އެންމެ 36 އަހަރެވެ. އަވަހާރަވިއިރު ދެ ދަރި ކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއެވެ.

ޑަޔާނާ އުފަންވެ ވަޑައިގެންނެވީ 1961 ވަނަ އަހަރުއެވެ. އެކަމަނާ ދުނިޔޭގައި އިންނެވި އިރު ފާހަގަ ވެފައިވަނީ ވަރަށް އާދައިގެ ބޭފުޅެއްގެ ގޮތުގައެވެ. ހިތްޕުޅު ތިރި އޯގާތެރި މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. އެކަމަނާގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ އިންސާނިއްޔަތަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގައެވެ. އެކަމަނާ ވަނީ ހިލޭ ސާބަހަށް އެތައް މަސައްކަތްޕުޅުތަކެއް ކުރައްވައިފައެވެ.

އެކަމަނާއަށް މީހުންގެ ފަރާތުން ލިބިފައިވާ އޯގާތެރިކަމާއި ލޯތްބަކީ އެކަމަނާގެ އޯގާތެރި ކަމެވެ. އެހެންމީހުންނަށް ކުރެއްވި ރަޙުމެވެ. ހަމްދަރުދީއާއި ލޯތްބެވެ. އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގެންނެވިޔަސް އެކަމަނާ ލޯބި ކުރެއްވީ އާދާއިގެ ސާދާ ދިރިއުޅުއްވުމަކަށެވެ.

ޕްރިންސްސްސް ޑަޔާނާ ޕްރިންސް ޗާލްސްއާ ކައިވެނި ބައްލަވައިގެންނެވި ހިސާބުން ފެށިގެން އަމީރާއެއްގެ ކަގަބު ލިބިވަޑައިގެންނެވިއެވެ. ކައިވެނީގެ ފުރަތަމަ ދުވަސް ކޮޅު އިނގިރޭސި ވިލާތުގެ ރާނީއަކަށް ވުމުގެ ހުވަފެން ދެކެވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެންމެފަހުން އެ ޚިޔާލު ދޫކުރެއްވިއެވެ. އެކަމަނާ ބޭނުންވީ މީހުންގެ ހިތްތަކުން ޖާގައެއް ހޯއްދެވުމަށެވެ. ހިތްތަކުގެ ރާނީއަކަށް ވުމަށެވެ.

1995 ވަނަ އަހަރު ބީބީސީ އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ޕްރިންސެސް ޑަޔާނާ ވިދާޅުވެފައިވަނީ އެކަމަނާ ބޭނުންފުޅު ވަނީ މީހުންގެ ހިތްތަކުގެ ރާނީ އަކަށް ވުމަށެވެ. "އަޅުގަނޑަކީ މުސްތަގްބަލުގައި މިގައުމުގެ (އިނގިރޭސި ވިލާތުގެ) ރާނީ އަކަށް ވާނެ މީހެއްކަމަށް އަޅުގަނޑު ނުދެކެން. އަދި އަޅުގަނޑަށް ހިއެއް ނުވޭ މި ގައުމުގެ މީހުންނަށް ވެސް ރާނީއެއްގެ ގޮތުގައި އަޅުގަނޑު ބަލައިގަނެވޭނެހެން،" ޕްރިންސެސް ޑަޔާނާ ވިދާޅުފައިވެފައިވެއެވެ.

މީގެ އިތުރަށް 1993 ވަނަ އަހަރު ޕްރިންސެސް ޑަޔާނާވަނީ އެކަމާނާގެ ހަޔާތްޕުޅު ވޭތު ކުރައްވަން ބޭނުންފުޅު ވަނީ ތަންކޮޅެއް "ޕްރައިވެޓް'' ކޮށް ކަމަށްވެސް ވިދާޅުވެފައިއެވެ.

އެކަމަނާ އަވަހާރަވީ ބޭނުންފުޅުވި ގޮތަށެވެ. ގައުމުގެ ރާނީގެ ގޮތުގައި އިންނެވުމުގެ ބަދަލުގައި ހިތްތަކުގެ ރާނީގެ ގޮތުގައެވެ.