މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި އަދި‌‌‏ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަމިއްލަ ނަންފުޅުގައި ބޭރު ގައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ.

ރަހްމަތްތެރި ގައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވި މި މެސެޖުގައި، އައު އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި، އެގައުމުތަކުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ކޮންމެ ގައުމެއްގެ ރައްޔިތުންނަށްވެސް މިފެށޭ އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު، މި ފެށިގެންދިޔަ އައު އަހަރު، އެ ގައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްގައުމުން އަނެއް ގައުމަށްދޭ އެއްބާރުލުން އިތުރުވެގެންދިއުމަށް، އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވަނީ އައު އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމުއިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވާފައެވެ. އެގޮތުން ޔުނައިޓެޑް ނޭޝަންސް(އ.ދ)، ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)، އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިންނަށް ވެސް އެމަނިކުފާނު ވަނީ އައު އަހަރުގެ ތަހުނިޔާ މެސެޖު ފޮނުއްވާފައެވެ. ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅުކުރުމަށް އެފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.