ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާއާ ހެޔޮއެދުންތައް އެގައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒް ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ކިއުބާގެ 1959 ވަނަ އަހަރުގެ އިންގިލާބުގެ އަހަރީ ދުވަހުގެ ތަހުނިޔާއާ އިހްލާސްތެރި ހެޔޮއެދުންތައް އެޤައުމުގެ ރައީސްއާ ބޮޑުވަޒީރަށާއި އަދި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވާ ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ލިބަރޭޝަން ޑޭ ގެ ގޮތުގައެވެ.