މި ފެށުނު އައު އަހަރަކީ އައު އުންމީދުތަކާއެކު ހަލުވިކޮށް ކުރިޔަށްދާ އަހަރަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގެންނެވީ ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި އައު އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށާއި ނަފުސުގެ ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ފާއިތުވެގެންދިޔަ އަހަރަކީވެސް ދިވެހިން މުހިންމު ނިންމުންތަކެއް ނިންމައި ކުލަގަދަ ތަސައްވުރެއް ކުރެހި އަހަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެންނުވާނެކަމަށާއި ދުނިޔޭގެ އެހެން ގައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަން ދިވެހިން ނިންމާފައިވާކަން ހިތާބުގައި ފާހަގަކުރެއްވިއެވެ. އަދި އެ ކަމަށް ޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ، ދިވެހި ގައުމީ ސިފަތަކާއެކު ބިނާކުރަން ބޭނުންވާކަމަށް ވެސް ދިވެހިން ނިންމާފައިވާކަން ރައީސްގެ ހިތާބުގައި ފާހަގަ ކުރެއްވިއެވެ.
އަދި ރައީސް ވިދާޅުވީ ދިވެހިން އައު ސަރުކާރެއް ހޮވައި ދިވެހިންގެ އެ ނިންމުންތައް ހަގީގަތަކަށް ހެދުމަށް އެސަރުކާރާ ހަވާލުކޮށްފައިވާކަމަށާއި އަދި ސަރުކާރު ކުރިޔަށްދާނީ އެ މަސްއޫލިއްޔަތު ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު އަދާކުރުމުގައި ކަމަށެވެ.
ހަމައެހެންމެ ނިމިދިޔަ އަހަރުގެ ފަހު ހަފުތާތަކާއި، މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާތަކަކީ މިސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއްކަން ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.