ޖަޕާނުގެ މެދުތެރޭގެ އިޝިކާވާއަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ސުނާމީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޖަޕާނުގެ ބޮޑުވަޒީރު ކިޝިދާ ފުމިއޯއަށް ތައުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި މެސެޖުގައި، ޖަޕާނުގެ މެދުތެރެއަށް އައި ބާރުގަދަ ބިންހެލުމާއި، ސުނާމީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއްގެ ގެދޮރު ގެއްލި، މުދަލާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމުގެ ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ.

ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އެމަނިކުފާނާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޖަޕާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ހާއްސަކޮށް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް އިހްލާސް ތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން، އެމަނިކުފާނު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒައާމަތުގައި، މި ކާރިސާގައި ގެއްލިފައިވާ ފަރާތްތައް ހޯދުމާއި މީހުން ސަލާމަތްކުރުމުގެ އިތުރުން، އަލުން އެ ސަރަހައްދު އާރާސްތުކުރުމުގެ މަސައްކަތްތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، މިކާރިސާއިން ގައުމު އަވަހަށް އަރައިގަތުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.