އާބާދީ މަދު ބިންބޮޑު ރަށެއްގައި ވަގުރުކުއަޅަން ކުޅަދާނަ ދެމީހުން އުޅުނެވެ. މި ރަށުގައި ރުއްގަސް ވަރަށް ގިނައެވެ. މި ދެމީހުން ކުރާ މަސައްކަތަކީ ރުކުން ކުރުބަޔާއި، ގަބުޅި އަދި ކާށި އަޅައިގެން ކައިރި އެހެން ރަށްރަށަށް ވިއްކުމެވެ. މި ދެވަގުން މި މަސައްކަތް ކުރަނީ ވަރަށް މޮޅަށެވެ. ވަރަށް ސިއްރުންނެވެ.
ދެ ވަގުން ފުރަތަމަ ކުރާކަމަކީ ދުވާލު ނުކުމެ މަތިވަރު ރަނގަޅު ރުއްތައް ފާހަގަ ކުރަނީއެވެ. އޭގެ ފަހުގައި ރޭގަނޑުވެ އެންމެން ނިދައި ފައިހިލަަވަޅު އޮބުނީމަައި ދުވާލު ބެލި ރުއްތަކަށް އަރައި އެމީހުންގެ މަސައްކަތް ފަށަނީއެވެ. މިގޮތުން އިހާ އެއްކޮށް ވައްޓާނުލާ ފަހަރަކު އެއްޗަކުންއެއްޗަކުން އަޅަމުން ދަނީއެވެ. މިގޮތަށް އަޅާއިރުވެސް އެ އަޅާ އެއްޗެއް ބިންމައްޗަށް ވައްޓާލަނީ ރުއްދަށު ހުރި މީހާ އަޑެއް ލައްވާލީމައެވެ.
މި ދެވަގުން ރުކަށް އަރަން ރޭވި ދުވަހެއްގައި އޮއްސުނު އިރާއެކު ވިއްސާރަވެ ވާރޭ ވެހެން ފަށައިފިއެވެ. ވިދާ ގުގުރަންވެސް ފަށައިފިއެވެ. ނަމަވެސް މީހުން ނިދައި ރަށުތެރެ ހިމޭން ވާންވީއިރަށް ވާރޭ ހުއްޓައި ވިއްސާރަވެސް އަލިވެއްޖެއެވެ.
ދެ ވަގުން އެމީހުންގެ މަސައްކަތަށް ބޭނުންވާ ގޯންޏާއި ކަތިވަޅި ހިފައިގެން ނުކުތެވެ. ދުވާލު ބެލި ރުއްތަކުން ފުރަތަމަ ރުކަށް އެތަނުން އެކަކު ގޮއްފަޔާ ވަރަށް ފަރިތަކަމާއެކު އަރަން ފެށިއެވެ. އަނެކަކު ހުރީ ރުއްދަށުއެވެ. އިރުކޮޅަކުން އެއްޗެއް ވައްޓާލައިފިއެވެ. ރުއްދަށު ހުރި ކަލޭގެ މައްޗައް ބަލަން ހުރެ ގޮވާލިއެވެ. ބަލަ މަ އަޑު ގޮއްވާލީމައޭ އަޅާނީ ބުނީމެއްނޫން ހެއްޔެވެ؟ އިރުކޮޅަކުން ރުއްދަށުން ގޮވާލި އަޑު އިވިއްޖެއެވެ. "ބަލަ މަށޭ ވެއްޓިފައި މި އޮތީ" ރުއްދަށު ހުރިމީހާ ކައިރިވެލައިފާ ބުންޏެވެ. "ކިހިނެއް ތިޔަ ހެދީ؟ " ވެއްޓުނު ކަލޭގެ ބަލި އަޑަކުން ބުންޏެވެ. އެ ރުކުގައި ކުރިގަނޑެއްނެތެވެ.
މި ވީގޮތަކީ ވިއްސާރައިގައި ހޮނު އަޅައިގެން ރުކުގެ ކުރިގަނޑު ހުރިހާ ފަންތަކާއެކު ވެއްޓިފައި އޮތީއެވެ.