ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ޅައިމަގުގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ޅައިމަގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޅައިމަގު ކައުންސިލް ރައީސް އާދަމް އަޒްމީރުއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ދިވެހިރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ ކައުންސިލް ރައީސް އާދަމް އަޒްމީރުއެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހި ރާއްޖެއަކީ ދުނިޔެއަށް ހުޅުވިފައިވާ ގައުމަކަށްވެފައި، ކުށް ދައުރުވުން އެހެނިހެން ގައުމުތަކާއަޅާ ބަލާއިރު ހަލުވި ގައުމަކަށްވީތީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުން ގާއިމްވެތިބުމަކީ މުހިންމު ކަމެއްކަމަށެވެ. މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ހިދުމަތްދިނުމުގަ އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާއި ގުޅިގެން ކުށުގެ ވެށި ދޫވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމުގައި ފާހަގަކޮށް، ކުށް އުފެދުމަށް ހުރި ހުރަސްތައް ކުށް ކުރުމުގެ ކުރިން ނައްތާލަން މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.

މި ޕޮލިސް ޕޯސްޓަކީ ދާޚިލީ ސަލާމަތާ ރައްކާތެރިކަމާ އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިޚްތިޔާރު ދީފައިވާ ފުލުހުންގެ ހިދުމަތެއް ލައިމަގުގައި ފޯރުކޮށްދިނުމަށް ގާއިމްކުރެވިގެން ދިޔަ މަރުކަޒެކެވެ.

މީގެ އިތުރުން ކޮމިޝަނަރ ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތް ކުރިޔަށް މިއޮތް ފަސް އަހަރަށް ރާވާ އިންތިޒާމް ކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުގައި ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރު ދިނުމާއި އަތޮޅުތެރޭގައި ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލުތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލެވިފައިވާ އޮނިގަނޑުގެ ޑްރާފްޓް އަލުން މުރާޖަޢާކޮށް އެއަށް އަމަލުކުރަން ފެށުމުން މިހާރަށްވުރެ ބޮޑަށް ކުށްމަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޅައިމަގުގައިވެސް ފުލުހުންގެ ހިދުމަތްދެވޭ ގޮތާ މިންގަނޑު މި އަސާސްތަކާއި އެއްގޮތަށް ތަރައްގީ ކުރެވިގެންދާނެކަމަށެވެ. އަދި ދިވެހި ފުލުހުން ރޭގަނޑާއި ދުވާލު ވާރޭއާއި އަތްވަށް ބެލުމެއްނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ދިވެހިރާއްޖެ އަމާންކޮށްދީ ދިވެހި ކޮންމެ ރައްޔިތަކަށް ހިތްހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ތަނަވަސްކޮށް ދިނުންކަމުގައި ވިދާޅުވިއެވެ.

އަދި ޅައިމަގުގައި މަސައްކަތްކުރާ ފުލުހުން މަސައްކަތުގައި ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ގިނަ އިރު ރައްޔިތުންނާއި ގާތުން ހިދުމަތްދިނުމަށްޓަކައި ކުށްކުރާނެ ކަމަށް ލަފާކުރެވޭ ތަންތަނުގައި ފުޓް ޕެޓްރޯލް ކުރުމަށް އިލްތިމާސްކުރެއްވިއެވެ. ހާއްސަކޮށް ޅައިމަގަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުނދަގޫ އިންތިހާއަށް އޮތް ރަށަކަށްވެފައި ޅައިމަގަށް މަސްތުވާތަކެތި އެތެރެކުރުމުގެ ފުރުސަތު އޮތް ހަމައެކަނި މަގަކީ ކަނޑުމަގުން ކަމަށްވާތީ މިރަށަށް ލަފާ ފުރާ އުޅަދުތައް އަންނަ ވަގުތުތަކުގައި ބަނދަރުމަތީގައި ހަރަކާތްތެރި ވެވޭނެގޮތަކަށް ފުލުހުންގެ މަސައްކަތްތައް ރޭވި އިންތިޒާމްކޮށް ދިނުންމަށް އިލްތިމާސްކުރައްވާފައިވެއެވެ.

މިގޮތުން ރަށުގެ ރައްޔިތުންނާއި ގުޅިގެން މިފަދަ މީސްމީހުން އަންނަ އުޅަނދު ފަހަރަށް ސަމާލުކަމެއް ދީގެން އެއަންނަ މީހުން ރެންޑަމްކޮށް ޗެކްކުރެވިގެން ގޮސްފިނަމަ ރަނގަޅު ނަތީޖާ ފެނިގެންދާނެ ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި ފުލުހުންގެ ހިދުމަތް ދިނުމުގައި އަމަލުކުރާ ގޮތްތައް ހަފްތާއަކު ނުވަތަ ދެ ހަފްތާއިން އެއްފަހަރު ނަމަވެސް ކައުންސިލާއި ބައްދަލުކޮށް ހިއްސާކުރެވި މަޝްވަރާކޮށް ހިދުމަތް ދިނުމުގައި މަދުވާކަމެއް އޮތްކަމުގައިވާނަމަ ކައުންސިލުގެ މަޝްވަރާއާއި ލަފާ އަޑުއަހައިގެން ފުލުހުންގެ ހިދުމަތް ދިނުމަށް ގެންނަވީ ބަދަލުތަށް ދެނެގަނެ އެ ބަދަލުގެނެސް ހިދުމަތް ދިނުމަށް އިރުޝާދު ދެއްވާފައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި މަދުންނަމަވެސް ހިންގާ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ބައެއްފަހަރު ފުލުހުންވެސް ހައްޔަރުކުރަންޖެހޭތަން އަންނަކަށާއި، ޅައިމަގުގައި މަސައްކަތްކުރާ ފުލުހުންނަކީ ފުލުހުންގެ ކޯވެލިއުސްގައި ފާހަގަކޮށްފައި އޮންނަގޮތަށް އިންޓަގްރިޓީ އޭގެ އެންމެ ހައިލެވަލްގައި ހުރި، މަސައްކަތްކުރުމުގެ ރޫހާއި އެސިފަ ހުރި ބަޔަކަށް ވާންޖެހޭނެކަމަށް ވިދާޅުވިއެވެ. އެގޮތަށް އެކަން ނުވެއްޖެ ނަމަ ދިވެހި ފުލުހުން މިކުރައްވާ މަސައްކަތުގައި ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެކަމަށާއި ހުރިހާގޮތަކުންވެސް މިރަށުގަ މިމަސައްކަތްކުރާ ފުލުހުންނަކީ ރައްޔިތުންނަށް ނަމޫނާ އަކަށްވެ، ދީނީ ކަންތައްތަކަށް އިސްކަންދިނުމަށް ނަސޭހަތްތެރިވެލެއްވިއެވެ.