މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ހޯރަފުށީ ގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު ހޯރަފުށީގައި ހިންގި އެ އޮޕަރޭޝަނަކީ އައު އަހަރާއި ދިމާކޮށް ކުށްކުރާ ފަރާތްތަކަށް ކުށްކުރުމުގެ ފުރުސަތު ނުދިނުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގި އޮޕަރޭޝަނެެކެވެ.

އެ އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމާއި ތުހުމަތުކުރެވޭ މީހުން ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން މަސްތުވާތަކެއްޗަށް ތުހުމަތުކުރެވިގެން 11 މީހަކު ބަލައިފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި އޮފަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ސްރީލަންކާގެ ފިރިހެނެކެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބިޑިއަކާއި ސެލޯފިންކޮޅެއް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 33 އަހަރުގެ މީހާ އަށް ހަތަރު ދުވަސް ދީފައިވާއިރު 34 އަހަރުގެ މީހާ އަށް 7 ދުވަސް ދީފައިވެއެވެ. 39 އަހަރުގެ މީހާ ވަނީ ޝަރުތުކޮށް ދޫކޮށްލާފައެވެ.

ހޯރަފުށި ޕޮލިސް އިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.