ޔުނައިޓެޓް އަރަބް އެމިރޭޓްސް، ޔޫ.އޭ.އީން ދިވެހިރާއްޖެއަށް 2 ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޔޫ.އޭ.އީން ރާއްޖެއަށް 2 ސެނިޓައިޒޭޝަން ޓްރަކް ހަދިޔާކޮށްފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެގޮތުންކަމަށެވެ.

މި ވެހިކަލްތަކުގެ ސަބަބުން އާއްމު ތަންތަން ޑިސް-އިންފެކްޓްކުރުމަށް ކުރާ މަސައްކަތްތައް ފަސޭހަވެ، މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު މަދު ކުރުމަށް އެހީތެރިވެދޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޔޫ.އޭ.އީގެ ސަރުކާރަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ކޯވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީން މީގެ ކުރިން ވަނީ 5 މިލިއަން ޑޮލަރު ގެ ޞިއްޙީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައެވެ. 72 ޓަނުގެ މި ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ ޖޫން މަހުގެ ތެރޭގައި އެމިރޭޓްސްގެ ޚާއްސަ ފްލައިޓެއްގައެވެ.

މިދިޔަ މާރިޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫ.އޭ.އީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ.

މީގެއިތުރުން މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ޔޫ.އޭ.އީ ގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ޙާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.