ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭނެ އެއްބަޔަކީ އަދުލުވެރި ވެރިޔާކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށާއި އެ ހަދީސްފުޅުގައި އެންމެ ފުރަތަމަ ވެރިމީހާގެ ގިންތި ގެންނެވީ އެ ގިންތީގެ ފައިދާއާއި ލާބަ ބޮޑުކަމުން ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"މަޙްޝަރުދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވީ ވެރިމީހާ ރަގަޅުވެއްޖެނަމަ ރައްޔިތުން ރަގަޅުވާނެ ކަމަށާއި، ވެރިމީހާ ހިންގުތެރި ވެއްޖެނަމަ ގައުމު ތަރައްގީވެ ފާގަތިކަން އާންމުވާނެ ކަމުގައެވެ.

ކީރިތި ރަސޫލާގެ އަލްޚުލަފާއުއްރާޝިދޫންއަކީ، މިކަމުގައި އުއްމަތަށް ލިބިގެންވާ ހެޔޮ ނަމޫނާތަކެކެވެ. އެބޭކަލުންނަކީ އުންމަތަށްޓަކާ ގުރުބާންވެ ވަޑައިގެންނެވި ބޭކަލުންނެވެ. އެބޭކަލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ، ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމް ކުރެއްވުމަށާއި، އަނިޔާވެރިކަން ނައްތައިލެއްވުމަށެވެ. މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޡުބާގައި ވިދާޅުވީ ޤިޔާމަތްދުވަހުގެ ގަދަ ހޫނާއި ދިލައިން ރައްކައުތެރިކޮށް ދެއްވާ މީހުންގެ ތެރޭގައި ހިމެނޭ އެއްބަޔަކީ ރީތި މުއްސަނދި، މަތިވެރި، ހަސަބާއި ނަސަބުން މޮޅޫ އަންހެނަކު ފާޙިޝްކަމަށް ދައުވަތު ދިނުމުން އަހަރުމެން މާތްﷲގެ އަޒާބަށް ބިރުވެތިވަމޭ ބުނެ އެ ދައުވަތާއި ދުރުހެލިވި މީހާކަމުގައެވެ.

މުސްލިމް އަޚުންނޭވެ! ޤިޔާމަތްދުވަހުން މާތް ﷲގެ ހިޔާވަހިކަން ލިބޭ އަނެއްބަޔަކީ ކަންދެއްކުމެއް ނެތި، މާތްﷲގެ ވަޖުހުފުޅު އަދައިގެން، ސިއްރުން ސަދަގާތްކުރާ މީހާއެވެ. ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޢިލްމުވެރި ވިދާޅުވާގޮތުގައި، މިސްކީނުންނާއި ފަގީރުންނަށް އަޅާނުލާ މުޖުތަމައެއްގައި ފާޅުކޮށް ޞަދަގާތް ކުރުމަކީ މީންނަށް އެކަމަށް ހިތްވަރު ދިނުމަށްޓަކާ ކުރުން އެދެވިގެންވާ ކަމެއްކަމުގައި ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ހުތުބާގައި ބުނީ، މަހްޝަރުދުވަހުގެ ގަދަ ހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިނުން ކަމަށެވެ. އެ މީހުންގެ ތެރޭގައި މީސްތަކުންގެ މުދާ ބާތިލު ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންނާއި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުން ނުހިމެނޭނެ ކަމަށްވެސް ބުންޏެވެ.