ސުކޫލު ބަންދެއް ލިބޭއިރަށް މީހުން އިންޑިއާ އަށް ދާތަން އަހަންމަދަށްވެސް ފެނެއެވެ. އާއިލާ އެއްކޮންނާއި، ދެމަފިރިން އެކަންޏާއި ރައްޓެހިން ގްރޫޕް ހަދައިގެންވެސް މެއެވެ. މި ދަތުރުތައް ނިންމާފައި އަންނައިރު މި ބައިމީހުން ވަރަށް ސާމާނުވެސް ގެނެއެވެ. ހިފާގެންގުޅޭ ތަފާތު ސާމާނާއި، ފޮއްޗާއި، ބުރުގާ، ބުރުގާ ޖަހާދަތި ދެން މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. މި ލިސްޓް ކިތަންމެވެސް ދިގު ކުރެވިދާނެއެވެ.
އަހަންމަދުގެ ރަށުމީހުން އިންޑިއާ އަށް ގޮސްފައި އައިސް ޑޮކްޓަރަށް ދެއްކުމުގެ މޮޅު ވާހަކަޔާއި ތަންތަނުގެ ރީތި ވާހަކަޔާއި އެއްޗިހީގެ އަގުހެޔޮވާހަކަ އަހަންމަދު ގާތު ކިޔައެވެ. އަހަންމަދަކީ ފަސްދޮޅަހުގެ ކުރީކޮޅުގެ އަހަރުތައް ގުނަމުންދާ މަސައްކަތްތެރި ޖާނުން ވަރުގަދަ މީހެކެވެ. ރާނާ ސިމެންތި ޖެހުމުގެ މަސަތްކަތް ކުރާ އަހަންމަދު ވަގުތު ލިބޭވަރުން ގާ އެޅުމުގެ މަސައްކަތްކުރެއެވެ. ޒުވާން އުމުރުގައި ތިން ކައިވެނި ކުރި ނަމަވެސް އެއްވެސް ކައިވެންޏެއް މިހާތަނަށް ކާމިޔާބު ވެފައެއް ނެތެވެ.
ރަށުމީހުން އިންޑީއާގެ މޮޅުކަމުގެ ވާހަކަ ދައްކާތީ އަހަންމަދުވެސް ނިކަން އިންޑިއާ ބަލާލަން ދާހިތްވެއެވެ. މިކަން ހިތުއަޅައިގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. މިގޮތުން އަހަންމަދު މަސައްކަތު ގޮސް އުޅުނު ގެއެއްގެ ޓީޗަރެއްކަމަށްވާ އަލީ އާއި މިވާހަކަ ހިއްސާ ކޮށްފިއެވެ. އަލީ އަހަންމަދަށް ވަޢުދުވީ ދެން އެންމެ އަވަހަށް އިންޑިއާ އަށް ދާ ދަތުރެއްގައި ގެންދާނެ ކަމަށެވެ. އަދި ތައްޔާރުވެގެން ހުރުމަށް ބުންޏެވެ. އަހަންމަދު އުފަލުން، އެއްކޮށްފައި ހުރި ލާރި ކޮޅު ޑޮލަރަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
އަހަރުގެ ބޮޑު ޗުއްޓީ އަތުވެއްޖެއެވެ. އަހަންމަދަށް އަލީ ކުރި ވަޢުދު ފުއްދައިދޭނެ ކަމުގެ ޔަޤީންކަން ލިބިއްޖެއެވެ. ޓިކެޓް އަތަށް އެރީއެވެ. ރަށުން މާލެ އައި ދުވަހުގެ ފަހު ދުވަހު އަހަންމަދު އަލީ އާއި އެކު އިންޑިއާއަށް ދާން ފުރައިފިއެވެ. ދަތުރުގައި ބައިވެރިވީ އަލި އެކަންޏެއް ނޫނެވެ. އަލީގެ މަންމަ އާއި ބައްޕަވެސް މި ދަތުރުގައި ބައިވެރި ވިއެވެ. މި އެންމެން ދިޔައީ އިންޑިއާގެ ޓްރިވެންޑްރަމަށެވެ. ބޯޓް ނައްޓާލި އިރު އަހަންމަދު އިނީ ވަރަށް ބިރުން ނެވެ. ވާނީވެސް އެހެންތާއެވެ. މިއީ މަތިންދާ ބޯޓެއްގައި އަހަންމަދު ކުރާ ފުރަތަމަ ދަތުރު ވިއްޔާއެވެ. ބޯޓް މައްޗައް އަރައިގެން އިރު ކޮޅެއްނުވެ ކާއެއްޗިހިވެސް ބަހަން ފަށައިފިއެވެ. މެންދުރު ގަޑިކަމުން ލިބުނު ކާއެތި ކޮޅު އަހަންމަދަށް ވަރަށް މީރު ވިއެވެ. އެހެންކަމުން އަލީގެ މަންމަ ނުކެއުމުން އެ ބަތްތަށިވެސް ކެއީ އަހަންމަދެވެ.
ފްލައިޓް ޓްރިވެންޑްރަމް އެއާޕޯޓަށް ޖައްސާ އިމިގިރޭޝަން ޗެކިން ނިމުނުތަނާ އެއްކަލަ އަހަންމަދު ފާހާނާ އަކަށް ދާންވެއްޖެއެވެ. އަލީ ފާހާނާ ދެއްކުމުން އަހަންމަދު އަވަސް އަވަހަށް ގޮސް ފާހާނާ ކޮށްލައިގެން ތާހިރުވާން ބަލާލިއިރު ކަމަކު ދާކަން ނެތެވެ. ގޭގައި މި ހުންނަ މުސްލިމު ޝަވަރޭ ކިޔާ ވާގަޑެއް ނެތެވެ. ބޮޑު ކަމު ދާންވެފައި ހުރިލެއް ބޮޑުކަމުން ތާހިރުވާނެ ގޮތެއް ބަލައިނުލައި އިށީނދެވުނީއެވެ. އެހެންނަމަވެސް ތަންކޮޅެއްދުރުގައި ހުރި އިސްކުރެއް ދަށުގައި ބަހައްޓާފައި ހުރި ބާލިދީ އެއް ފެނިއްޖެއެވެ. ބާލިދީގައި ޖަގެއްވެސް އޮތެވެ. ނަމަވެސް ނުތާ ހިރާ އިނދެ މި ބާލިދީ ގެންނާނެ ގޮތަކާމެދު އަހަންމަދު ފިކުރު ބޮޑުވެއްޖެއެވެ. ކޮންމެ އަކަސް ވަރަށް ވިސްނުމަށް ފަހު ފާހާނާ ތެރެ ހަޑި ނުވާނެ ގޮތް ބަލައިގެން ދެފައި ފިއްތަމުން ކަހަލަ ގޮތަކަށް އަހަންމަދު ބާލިދީ ގެނެސްކައިރި ކޮށްގެން ތާހިރުވެއްޖެއެވެ. އޭރު އަލީ ފޮށިތައް ނަގާ ނިންމާފައި އަހަންމަދު އައުން ލަސްވެގެން ހުންނަތާ ކިތަންމެ އިރެކެވެ. އަހަންމަދު އައުމުން އަލީ ބުނެލިއެވެ. "ހާދަ ލަސްވީ؟" އަހަންމަދު ޖަވާބުގައި ބުނީ ތާހިރުވާންޖެހުނު ގޮތުން ލަސްވީކަމަށެވެ.
މި ގްރޫޕަށް ހޮޓަލަށް ދެވުނު އިރު އިރު އޮއްސިއްޖެއެވެ. ބަނޑުހައިވެފައި ތިބި ވަރުން ފޮށިތައް ހޮޓަލުގައި ބަހައްޓާފައި އެންމެ ފުރަތަމަވެސް ދިޔައީ ކާށެވެ. ކާން ހުރި ބާވަތްތައް އަހަންމަދަށް ވަރަށް ކަމުދިޔައެވެ. ތަންދޫރީ ކުކުޅާ ފަރާޓާ އަހަންމަދަށް ވަރަށް މީރު ވެއްޖެއެވެ. ކެއުން ނިންމާލާފައި މި އެންމެން ހޮޓަލަށް އައީ ލާރިވެސް މާރުކޮށްގެނެވެ. އަނެއްދުވަހު ދާން ހުރި ޑޮކްޓަރުން ގެ އެޕޮއިނޓްމެންޓް ތައް ހައްދާފައި ފެންވަރާ ނަމާދުކޮށް ލައިގެން އެންމެން ނިދީ އެވެ.
އަނެއް ދުވަހު ހެނދުނު ހެނދުނާ ތެދުވެގެން އަލީ ގެ ބައްޕަ އާއި މަންމަ ޑޮކްޓަރަށް ދައްކަން ދިޔައިރު އަހަންމަދުވެސް ދިޔައެވެ. އިންޑިޔާ ޑޮކްޓަރުންގެ މޮޅު ވާހަކަ އަޑުއަހާފައި އޮތީމައެވެ. ޑޮކްޓަރަށް ދައްކަން ދާން އެ އެރި ކުރޮޅިއެއް ތަޅުވާވަރުން އަހަންމަދަށް އަނގައިން ނުބުނެ ނީންދެވުނެވެ. ކަލޯ މީތި މިދާ ވަރުންދާކަމަށްވަޏާ ގޮހޮރު ފައިބާފާނެ ނޫންހޭ އަހަންމަދު ބުނެލިއެވެ. ހޮސްޕިޓަލަށް ކުރޮޅި މަޑު ކޮށްލުމުން އެންމެން ފޭބުމުން އަލީ ފައިސާ ދެއްކުމަށް ޖީބުން ސަތޭކަ ރުޕީސް ނަގާ ޑްރައިވަރަށް ދިއްކޮށް ލުމުން ޕުސް އެއް ކަނޑާލާފައި އިނގިލީގެ އިޝާރާތުން ދޭއް ދައްކާލައިފިއެވެ. އަލީ އެ ކީއްވެތޯ ސުވާލުކުރުމުން ތިމަންނަ އަދި އެކޮޅަށް ދާންވެސް ޖެހެއެއް ނޫންހޭ އެހެންވީމާ ދެ ދަތުރުގެ ފައިސާ ކަމަށް ބުންޏެވެ. ދެން މި މީހަކާ ޒުވާބު ކުރުމުގައިވެސް ދިހަވަރަކަށް މިނެޓް ހިނގައްޖެއެވެ. އެންމެ ފަހުން އަލީ ރުޅިއައިސް ގެން ދުއިސައްތަ ރުޕީސް ދީފަ ދުވަހަކުވެސް މީޓަރެއްވެސް ޖައްސާނީ ކީނޫނޭ ކިޔަމުން މަންމަމެން ގޮވައިގެން ހޮސްޕިޓަލަށް ވަދެއްޖެއެވެ.
އެ ދުވަހު ހޮސްޕިޓަލު ކަންތަކުން އަވަދި ވިއިރު ޢަސުރުން ތިރި ވެއްޖެއެވެ. އަނެއްދުވަހު އޮތީ ޓެސްޓް ތައް ހެދުމެވެ. ޓެސްޓް ތައް ހެދުމަށްވެސް އެއްދުވަސް ހަތަރު ދަން ހިނގައްޖެއެވެ. އަހަންމަދު ބުންޏެވެ. މިއީ އަހަރެމެން ރާއްޖޭގެ ހޮސްޕިޓަލެއްނަމަ ލަސްވެގެން މިތާ ފެންނަން މިތިބަ ހުރިހާ އެންމެނަށް ވަށި ވަށީން ދިނީސްކަން ކަށަވަރެވެ. އެހެނަސް އިންޑިޔާ ވީމާ މިތާ މިތިބަ ދިވެހިންތައްވެސް އަނގައިން ނުބުނެ ހެޔޮވަރުވެގެން އެތިބީ ނޫން ހެއްޔެވެ؟ ކޮންމެ އަކަސް ޑޮކްޓަރީ ކަންތައް ނިމުމަށް ފަހު ދެން އޮތީ ބާޒާރު ކުރުމެވެ. ބާޒާރަށް ދިޔަ ދުވަހު ހެނދުނު ސައިބޮއިގެން ދިހައެއް ޖަހަންވީ އިރު ތިބީ މީހުން ގިނަ ބައިބޯ ޗާލާ ބާޒާރުގައެވެ. ބާޒާރަށް ވަންނަމުން ދިޔައިރު މީހުންތައް އެ ލަވާ ހަޅޭކާ ގޮވާ ގޮވުމުން އަހަންމަދު ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. މި ފިހާރައަށް އާދޭ މިވެނި އެއްޗެއް ހުންނާނެ މި ހެން ގޮވާ މީހުން ދިވެހިން ވާހަކަ ދެއްކުމުގެ އިތުރަށް ބޯޑު ތަކުގައިވެސް ދިވެހިން ލިޔެފައި ވާތީ އަހަންމަދު ހުރީ ހަމަ ކޮސްވެފައެވެ. ތަންކޮޅަކަށް ދިޔަތަނާ އުޅަނބޮށީގައި އެއްޗެއް ކޭއްތޭހެން ހީވެގެން ބަލައިލި އިރު ނިވައިކަން ކުޑަ ގޮތަކަށް ސާޅި އެއް އަޅައިގެން ހުރި އަންހެނަކު ކުޑަ ކުއްޖެއް ކިހިއްޔަށް ޖަހައިގެން އަތުގައި އޮތް ބުއްފުޅީގެ ތުން އަހަންމަދު ގައިގާ ކާއްތަނީ އެވެ. ކިހިލީގަ އިން ކުއްޖާގެވެސް ހަމަ އެކަނި ކުރިމަތި ފަރާތް ނިވާވާވަރުގެ ފޮތިކޮޅެއް ނޫން އިތުރު އެއްވެސް އެއްޗެއް ގަޔަކު ނެތެވެ. އަހަންމަދު ޗޮކެއް ކަނޑާލާފައި އަތުން ރުފިޔާ ކޮޅެއް ނަގާ އެ އަންހެންމީހާ އަތަށް ދީފިއެވެ. އަދި އަލީ އާދިމާއަށް ބުނެފިއެވެ. މިތާ މިވަރަށް ގެރިތަކާއި ބަކަރިތައް މަގުމަތީގައި އޮންނައިރު ޅަ ދަރި އަށް ދޭނެ ކިރުފޮދެއް ހޯދަން މި މީހުން މި އާދޭސް ކުރަނީ އަހަރެމެން ގާތު އެވެ. އަލީ ހިނިގަނޑެއް ޖަހާލާފައި އަހަންމަދު ގޮވައިގެން ފިހާރައަކަށް ވަންނަން ދިމާކޮށްލިތަނާ އަނެއްކާވެސް ހަ އަހަރު ހަތް އަހަރު ވަރުގެ ކުޑަކުއްޖަކު ބަނޑުގައި އަތް ތަޅާލާފައި އަހަންމަދާއި ދިމާ އަށް އަތް ދިއްކޮށްލިއެވެ. މި ކުއްޖާގެވެސް އުނަގަނޑުގައި ފޮތިގަނޑަކުން ބަދެގެން އައްސާލާފައިވާ ސޯޓެއް ފިޔަވައި އެހެން އެއްޗެއް ގަޔަކު ނެތެވެ. އަހަންމަދު ބޯހޫރާލާފައި ވޮލެޓުން ފައިސަކޮޅެއް ނަގައި އެކުއްޖާ އަށް ދިއްކޮށްލިއެވެ. ފައިސާ ދިނުމަށް ފަހު އަލީ އާ ދިމާ އަށް ބުންޏެވެ. މިތާ ގާޑިއާ ތަކުގަޔާ ފިހާރަ ތަކުގެ ތަޅުންމަތީގައި މި ވަރަށް މޭވާތަކާއި ތަރުކާރީތައް އޮއްވާ މި ސޮރުމެން މި ތިބެނީ ހުސްބަނޑާ އެވެ. ކާއެއްޗެއް ދޭތޯވެސް ސަލާން މި ޖަހަނީ އަހަރެމެން ގާތުންނެވެ. މިއީ ތިޔަ ބުނާ މޮޅު އިންޑިޔާ ހެއްޔެވެ؟ މި ބާޒާރަކަށް ވަން އިރުވެސް އެ އޮއް ލަވާ ހަޅޭކާއި ފަހަތުން އާދޭސް ކުރަމުން ދުވާ މީހުން ގަނޑު ގިނަކަމުން މަގޭ ބޮލަށް ގަރުދިޔަ އަރާވަރު ވެއްޖެއެވެ.
އަހަންމަދާއި އާދަނު އެދުވަހު ބާޒާރު ނިންމާފައި ހޮޓަލަށް ދިޔައީ މެންދުރު ފަސްވި ފަހުންނެވެ. މެންދުރު ކައި ނިމިގެން އަހަންމަދު އަލީ ގާތު ބުނެފިއެވެ. މަށަކަށް ދެން މިތާކު ކެތެއް ނުވާނެއެވެ. މަށަށް މިތަނުން ހަމަ ރަނގަޅު އެއްކަމެއްވެސް ނުފެނެއެވެ. މިއީ ތިޔަ އަންނަ މޮޅު އިންޑިޔާ ހެއްޔެވެ؟ ކުރޮޅިއަށް އަރައިފިއްޔާ މީޓަރެއް ނުޖައްސައެވެ. ފައިސާ ދޭ ކޮންމެ ފަހަރަކު ޒުވާބު ކުރަން ނުޖެހޭ ފަހަރެއް ނުދެއެވެ. ބާޒާރުގައި މީހުން އެލަވާ ހަޅޭކާއި ކައިރީ ވިއްދާފައި ތިބެގެން އެ ގޮވާ ގޮވެލިފަތިން ބޯ ފަޅައިގެން ދާ ވަރުވެއެވެ. ސަލާން ޖެހުމަށް ޅަދަރި މައިން ގެ އިތުރަށް ކިރިޔާ ފައި ހިނދޭ ވަރުގެ ކުދިންވެސް ވެސް އައިސް އެ އުޅޭއިރު ހިތްފަޅައިގެން ދާ ވަރުވެއެވެ. ތިޔަ މޮޅު ޑޮކްޓަރަށް ދެއްކުންވެސް ވަކި ރާއްޖެއަކަށްވުރެ ފަސޭހައެއްނޫނެވެ. އާން މޮޅެތި ޑޮކްޓަރުން އެބަ ތިއްބެވެ. އެކަމު ޖީބަށް ވެސް އެހާ ބާރުކުރޭތާއެވެ. އެއްޗިހި އަގުހެޔޮވަފައި ގިނަޔަސް ހެވެ. މިވަރަކުން ކެތެއް ނުވާނެއެވެ. މަ ބޭނުން ވަނީ ވީ ހާވެސް އަވަހަކަށް ރާއްޖެ ދާށެވެ. އަހަންމަދުގެ ޝަކުވާތައް އަޑު އަހާފައި އަލީވެސް ނިންމީ އަހަންމަދު މާލެ ފޮނުވާށެވެ. އެހެން ކަމުން ރާއްޖެ އެއްމެ އަވަހަށް ދާ ގްރޫޕަކާ އެކު އަހަންމަދު މާލެ ފޮނުވައިފިއެވެ.