ދިވެހިރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ޤާއިމްކުރުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއިއެކުގައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑާއިގަންނަވާ ބާރުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

އަދި މިކަމާއި ގުޅޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސްޝަލް ސަރވިސް އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދެވުން، އަދި އޮންޝޯރ ބޭންކިންގެ އޮޕަރޭޝަން ލައިސަންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ގަވާއިދެއް އެކުލަވާލެއްވުމަށްފަހު މިގަވާއިދުގެ ދަށުން މި އޮތޯރިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުން. އަދިހަމަ އެއާއިއެކު އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާއި ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާއި ބެހޭ ބިލެއް ޑްރާފްޓްކޮށް އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުން."
ނާޒިމް ވިދާޅުވިއެވެ.