ޕީއެސްޖީ ދޫކޮށްލާން ކަމަށް އިއުލާނު ކުރި ކިލިއަން އެމްބާޕޭއަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭގެ ތައުރީފުގެ ބަސްތައް ރައްދު ވެއްޖެއެވެ.
އިއްޔެގެ ވަގުތެއްގައި ޕީއެސްޖީ ދޫކޮށްލާނެ ކަމަށް އިއުލާނުކުރި އެމްބާޕޭއާ ބެހޭ ގޮތުން ވާހަކަދައްކަމުން އެންރީކޭ ބުނީ ޕީއެސްޖީގައި އެމްބާޕޭއަށް ކޯޗުކަން ކޮށްދިނުމަކީ އޭނާއަށް ލިބުނު ފަހުރެއް ކަމުގައެވެ. އެންރީކޭ ބުނި ގޮތުގައި އެމްބާޕޭ ނެތް ކަމުގައިވިއަސް މ މި ސީޒަނަށްވުރެ ދެން އަންނަ ސީޒަނުގައި ޕީއެސްޖީ މާ ވަރުގަދަ ވާނެ ކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ.
"ކުޅުންތެރިޔެއް ގޮތުގެ އިތުރުން އިންސާނެއްގެ ގޮތުގައި ވެސް އެމްބާޕޭއާ ބެހޭ ގޮތުން އަހަންނަށް ކުރެވެން އޮތީ ހަމައެކަނި ތައުރީފު. އެމްބާޕޭ ވަނީ މި ކްލަބަށް އޭނާގެ 100 އިންސައްތަ ދީފަ. އޭނާ މި ކްލަބު އެ ދޫކޮށްލަނީ މި ކްލަބުގެ ލެޖެންޑެއް ގޮތުގަ. އަހަރެން އުއްމީދު ކުރަނީ އެމްބާޕޭގެ ބަދަލުގައި އިތުރު ކުޅުންތެރިން ގެނެސް, ޕީއެސްޖީ އިތުރު އުސްމިންތަކަކަށް ވާސިލުކޮށްދިނުން" އެމްބާޕޭއާ ބެހޭ ގޮތުން ވާހަކަދައްކަމުން އެންރީކޭ ބުންޏެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި ޕީއެސްޖީއާ އެކު ފްރެންޗް ލީގު ކާމިޔާބު ކޮށްފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގެ ސެމީގައި ޕީއެސްޖީ, ޑޯޓްމަންޑު އަތުން ބަލިވުމާއެކު އޭނާ ޗެމްޕިއަންސް ލީގުގެ ތަށި ހިއްލާލުމަށް ދެކެމުން އަންނަ ހުވަފެން ވަނީ ހަގީގަތަކަށް ހެދޭ ގޮތް ނުވެފައެވެ.
ޕީއެސްޖީ ދެން ނިކުންނާނީ ފްރެންޗް ލީގުގައި ޓޮލޮއުސްއާ ދެކޮޅަށެވެ. ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސްގައި ޓޮލޮއުސްއާ ދެކޮޅަށް ޕީއެސްޖީ ނިކުންނަ މެޗަކީ އެމްބާޕޭ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅޭނެ އެންމެ ފަހު މެޗެވެ.