ރާއްޖޭގައި އީ-ވޮލެޓްގެ ހިދުމަތް ގާއިމުކޮށް، ޕޭޕަލްއަށް އެކްސެސް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަސައްކަތް ފަށާފައިވާކަން އިއުލާނު ކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.

ނާޒިމް ވިދާޅުވީ ގާނޫނު އަސާސިން ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތަކަށް ހައްލު ހޯދުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ހުރަސްތައް ހައްލު ކުރުމަށް ކްރިއޭޓިވް އިކޮނޮމީ ގާއިމު ކުރުމުގެ ގޮތުންނާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބިގަތުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި އީވޮލެޓް ހިދުމަތް ގާއިމުކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން ގިނަވެގެން އެއް ހަފްތާ ދުވަސްތެރޭގައި ސަރުކާރުން ބޭނުންވާ ގޮތަށް އެކަން ހަމަޖެއްސުމުގެ މަސައްކަތް ފެށުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްސްއަށް އެކްސެސް ހޯދުމާއި ގުޅޭ ގޮތުން އެމެރިކާރުގެ ސަރުކާރުން މަޝްވަރާ ކުރައްވައިގެން މި ހިދުމަތަށް އެކްސެސް ލިބޭނެ ގޮތް ހޯއްދެވުމަށާއި މިކަމާއި ގުޅޭ އެހެނިހެން ފަރާތްތަކާއި މަޝްވަރާ ކުރައްވައިގެން ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމްތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވުނު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ސައިބާސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސަރުކާރަށް މިހާރު އެހީތެރިކަން ދެއްވުމަށް ތައްޔާރަށް އޮތް ދެގައުމު ކަމުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އަދި ތުރުކީވިލާތާއި އެކު މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ދެގައުމާ އެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ސައިބާ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް ކެޕޭސިޓީ ބިލްޑްކޮށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ނިންމައިފައިވާނޭ ކަމަށާއި، މިއީ އިންޓަނެޓާއި ސައިބަ ސެކިއުރިޓީ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ ސައިބާ ސެކިއުރިޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓެއް ކުރުމުގެ މަސައްކަތް ވެސް މިއާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.