އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕުގެ ގްރޫޕް އޭ ގެ ސެމީފައިނަލުގެ ދެ ޖާގަ ފާހި ސްޕޯޓްސް އާއި ބޭރުމަތި ޓީމު ކަށަވަރު ކޮށްފިއެވެ.

މިދެޓީމު ސެމީގެ ދެ ޖާގަ ކަށަވަރު ކުރީ ފާހި ސްޕޯޓްސް އާއި އެފްސީ އަފިރިން އިއްޔެ ބައްދަލު ކުރި މެޗު ފާހި ސްޕޯޓްސް ކާމިޔާބު ކުރުމުންނެވެ. އައްޑޫ ފުޓުބޯޅަ ދަނޑުގައި ފާހި ސްޕޯޓްސް އާއި އެފްސީ އަފިރިން ހުކުރު ދުވަހު ބައްދަލު ކުރި މެޗު، އެޓީމުން ކާމިޔާބު ކުރީ، 1-5 ގެ ނަތީޖާ އަކުންނެވެ.

މިމެޗުގައި ބޮޑުބައި ކޮންޓްރޯލް ކޮށްގެން ކުޅުނީ ފާހި ސްޕޯޓްސް ކްލަބުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، 13 ވަނަ މިނެޓުގައި ހުސެއިން ޝާމިންއެވެ. ފާހި ޓީމުން މިހާފުގައި ދެ ގޯލު ޖެހިއެވެ. އޭގެތެރެއިން ދެވަނަ ގޯލު ޖަހާފައިވަނީ، އެޓީމުގެ އަހުމަދު ޖައިބާޒް ސައީދެވެ. މިހާފު ނިމުމަކާ ގާތަށް ދަނިކޮށް އެފްސީ އަފިރން ޓީމުގެ އިބްރާހިމް ޝިޔާމު އެޓީމަށް ލަނޑު ޖަހައިދިނެވެ.

މެޗުގެ ދެވަނަ ހާފު ފެށި ހިސާބުން ފެށިގެން ވެސް ފާހި ޓީމުގެ ގިނަ ހަމަލާތައް ދިޔައީ އިދިކޮޅު ޓީމުގެ ގޯލަށް އަމާޒު ވަމުން ހަމަލާތައް ވަރުގަދަވަމުންނެވެ.

ނަތީޖާއެއްގެ ގޮތުން އެޓީމުގެ ތިންވަނަ ލަނޑު އަދި ހުސެއިން ޝާމިންގެ ދެވަނަ ލަނޑު ޖެހުމެވެ. އެޓީމަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާކޮށްދިނީ އަލީ ސަދޫފް ޝިޔާމެވެ. ފާހި ޓީމުގެ ފަސްވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާކުރީ މެޗުގެ އިތުރު ވަގުތުގައެވެ. އެ ލަނޑު ޖަހައިދިނީ އިބްރާހީމް ޝަވީންއެވެ.

މި މެޗުން ފާހި މޮޅުވުމުން އެއް މެޗު ބާކީ އޮއްވައި އެ ޓީމަށް ވަނީ ސެމީގެ ޖަގައެއް ކަމަށަވަރު ވެއެވެ. އޭގެ ކުރިން ބޭރުމަތި ވަނީ ސެމީގެ އަނެއް ޖާގަ ކަށަވަރު ކޮށްފައެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އެފްސީ އަފިރިން އާއި ޒެފިޔާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެން ހަމަޖެހިފައިވާ 3 މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ. ގްރޫޕުގެ އެއްވަނަ ލިބޭ ޓީމު ކަށަވަރު ވާނީ ފާހި ޓީމާއި ބޭރުމަތި ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ، ގްރޫޕު ބީ ގެ މަރަދޫ އެފްސީ އާއި ފޭދޫ ސްޕޯޓްސްއެވެ. މި ދެޓީމުގެ ބައްދަލު ކުރި ފުރަތަމަ މެޗު ކާމިޔާބު ކޮށްފައިވަނީ ފޭދޫ ސްޕޯޓްސް އެވެ.