ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.

މި މެސެޖުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމަކީ ގާތް އަވަށްޓެރި ދެ ގައުމު ކަމަށާއި، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި، ދެފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ.

އެމަނިކުފާނު މި މެސެޖް ނިންމަވާލައްވާފައިވަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގެ ޒަޢާމަތުގައި ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ފާހަގަކުރައްވަމުންނެވެ.