ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާންގެ ދާރުލްއާސާރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުންވަނީ ޗައިނާގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވާލައްވާފައެވެ. އަދި އެ ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މައުލޫމާތު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.