ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ބެއިޖިންގގައި ހުންނަ ޗައިނީޒް ކޮމިއުނިސްޓް ޕާޓީ މިއުޒިމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެ ދެކަނބަލުންގެ މިޒިޔާރަތުގައި މިއުޒިއަމުގެ ފަރާތުން އެ ދެކަނބަލުންނަށް ޗައިނާގެ ތާރީހީ މުހިންމު ކަންކަމާއި ސަގާފަތާއި އަދި މިއުޒިއަމާ ބެހޭ ތައާރަފެއް އަރުވާފައިވެއެވެ. އަދި ރައީސްގެ ދެކަނބަލުން މިއުޒިއަމުގެ އެކި ތަންތަން ބައްލަވައިލެއްވިއެވެ.

މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުން މިއުޒިއަމަށް ވަޑައިގެން މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވިއެވެ. މިފޮތުގައި ސޮއިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި، މިއުޒިއަމުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދިގު ތާރީހާއި ޕާޓީއަށް އައިސްފައިވާ މުހިންމު ކުރިއެރުންތައް ވަރަށް ތަފްސީލުކޮށް ފެންނަން ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ތާރީހުގެ މި މުހިންމު ދުވަސްތައް ރައްކާތެރިކަމާއެކު ފެންނަން ހުންނާނެގޮތަށް ހެދުމަށް ކޮށްފައިވާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތްތަކެއްކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.