ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅު ކަމަށްވާ ހުވަދު އަތޮޅުގެ ދެ ބުރިއާއި، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގައި އަށް ވައިޓް އެލާޓް ނެރެފިއެވެ.

އެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށެވެ. އެވަގުތުގައި އެ އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭ ވޭހޭނޭ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. އަދި ގުގުރާނެ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވަނީ ލަފާ ކުރައްވައިފައެވެ.

ޢާއްމު މޫސުމަށް ބަލާއިރު މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް

ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ވެސް މޫސުމާ ބެހޭ އޮފީސް (މެޓް) އިން ވިދާޅުވެފައިވެއެވެ. އެ އޮފީހުން ވިދާޅުވެފައިވަނީ ވިއްސާރަ ކުރުމާއެކު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތައް ފިޔަވައި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ.

މެޓު އޮފީހުން ވިދާޅުވެފައިވަނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓު އޮފީހުން ވިދާޅުވެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.