ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ރައީސް، ޝީ ޖިންޕިން، ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުހަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވާ 21 ބަޑީގެ ސަލާމާއި ޗައިނާގެ އަސްކަރީ ބޭންޑުން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ބޭއްވި އޮނަގާޑެއް އެމަނިކުފާނު އިންސްޕެކްޓްކޮށްދެއްވިއެވެ.

ރައީސް ޑރ.މުޢިއްޒުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާސަރުކާރާއި ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއި ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.