ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައިވެސް މި މެސެޖުގައިވެއެވެ.

އަދި ދިވެހިރާއްޖެއާއި ބޫޓާންއާ ދެ ގައުމަކީ ގާތް ދެ ގައުމު ކަމުގައި ވިދާޅުވެ، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ހަމައެއާއެކު ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.