މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އަދި އެ މައްސަލަތައް އެ ފަރާތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެގޮތުން، ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރު މުއާމަލާތްކުރައްވާއިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށްވެސް އިލްތިމާސްކޮށްފައެވެ.