06 ގަޑިއިރު ކުރިން ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު ހިންގައިފިއެވެ.

މި މަހުގެ 10 އަދި 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގުތުން މައުލޫމާތު ދީފައިވެއެވެ. އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރޯޑް ޕޮލިހުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ޓެކްސީގެ ހިދުމަތާ އަލަށް ގުޅޭ 543 މީހުން ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުންގެ ތަމްރީނު ޕްރޮގްރާމުގެ ހަތަރު ބުރެއް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ. މި ތަމްރީނަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީނެކެވެ.