އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިއަދު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އަދާލަތު ޕާޓީން ބުނީ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށެވެ.

މި އިންތިހާބުގައި އަދާލަތު ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކަމަށް ބޭފުޅުން ހޮވުން އޮންނާނެއެވެ. އެގޮތުން އެޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އެ މަގާމު މިހާރުވެސް ފުރުއްވަމުން އަންނަ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފް އެވެ. ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބުރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދު އެވެ.

އަދާލަތު ޕާޓީން ބުނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ، މެންބަރުންނަށް ކަމަށެވެ.