ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

އެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީހީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީހީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. މިފާރަކީ 21000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީހީ މުހިންމު ބިނާއެކެވެ.

އެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.