މަސްތުވާ ތަކެތިން މުޖުތަމައު ރައްކާތެރިކޮށް ސަލާމަތް ކުރުމަށް އެންމެން އެކުގައި ކުރިމަތިލައި މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރި ވެއްޖެއެެވެ.

މަސްތުވާތަކެތީގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله ސުބުޙާނަހޫ ވަތަޢާލާ ޚަލްގު ކުރެއްވި އެންމެހާއި މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރެއްވީ އިންސާނުން ކަމަށެވެ. އެއީ އެކަލާނގެ އެބައިމީހުންނަށް ދެއްވި ބުއްދި އާއި ވިސްނުމުގެ ސަބަބުންނެވެ.

ހުތުބާގައި ބުނީ މާތްﷲ އިންސާނާއަށް ބުއްދި ދެއްވާފައި ވަނީ ވިސްނައި ފިކުރުކޮށް، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށް ޓަކައި ކަމަށާއި ރަނގަޅުގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، އެކަލާނގެ ހަޒުރަތުގައި ހައިވާނުންގެ ދަރަޖައަށްވުރެ ވެސް ދަށްވެގެންވާ ކަމަށެވެ. އެހެންކަމުން ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހުކުރު ޚުތުބާ މިއާއެކު ޚުތުބާގައި މަސްތުވާ ތަކެއްޗަކީ، ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެކަހެރި ކޮށްލާ އެއްޗެއް ކަމަށާ އެފަދަ ތަކެތި ބޭނުން ކުރަން ފެށުމުން، ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަކަން، މިޒަމާނުގެ ދިރާސާތަކުން ސާބިތުވާ ކަމަށެވެ.

މަސްތުވާތަކެއްޗަކީ މުޅި އިންސާނިއްޔަތަށް ވެސް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިގައުމުގެ އެތަކެއް ޒުވާނުންނެއް ވެސް އެވަބާގައި ޖެހިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މަސްތުވާ ތަކެތީގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ ބޭނުން ކުރާ މީހާއަށް ނޫން ކަމަށާ، އޭގެ ސަބަބުން، އެމީހާގެ އާއިލާ އަށާއި، މުޅި މުޖުތަމަޢުއަށްވެސް އަދި މުޅި އުންމަތަށް ވެސް ސީދާ އަދި ނުސީދާގޮތުން ގެއްލުން ލިބޭ ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެންމެން އެކީގައި ކުރިމަތިލާ، އެ ވަބާ މުޖުތަމައުން ފޮހެލުމަށް މަސައްކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.