ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހއ.މުރައިދޫ މޮނިޓަރިން އަށް ލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުރައިދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެ، ރަނގަޅުވެފައި ހުރި މީހަކު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ މީހާ އަކީ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެޗްޕީއޭ ބުނީ މުރައިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑާއި ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މުރައިދޫގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނައުމާއި ގުޅިގެން އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.