ބާރުބޮޑުވެ މަސައްކަތްތައް ހުއްޓޭތީވެ، އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެެ.

މިކަން ހާމަ ކުރެއްވީ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ.

ނާޒިމް ވިދާޅުވީ، އެމްޓިސީސީގައި ވަަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައިވާތީވެ އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ކެބިނެޓުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

ނާޒިމް ވިދާޅުވީ މިހާރު އެމްޓީސީސީގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަތޭކަ އެތައް ޕްރޮޖެކްޓެއް ފުނިޖެހިފައި އޮތުމާއެކު، އެމްޓީސީސީގެ ކެޕޭސިޓީގައި އެހުރިހާ މަސައްކަތެއް ކުރުމުގެ ގާބިލުކަން ނެތްކަމަށެވެ. އެހެންކަމުން އެފަދަ ޒާތުގެ މަސައްކަތްތައް ކުރާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އިތުރު ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މުހިންމު ކަމަކީ ކުންފުނިތައް ހަރުދަނާ ކޮށް ހަރުދަނާ އުސޫލުގެ ތެރެއިން ބެލެހެއްޓެނިވި ގޮތަކަށް ޒިންމާދާރު ކުރުވަނިވި ގޮތަކަށް ކުރުން ކަމަށެވެ. ކުންފުނިތަކުން ގެއްލުން ނުލިބި ފައިދާ ވާނެ އުސޫލަކަށް ވާނެހެން ހައްލެއް ލިބޭނީ އޭރަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.