އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނިގޮތުގައި މި ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

އެގޮތުން ޖަނަވަރީ 10 ވަނަ ދުވަހު ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލާފައިވަނީ 74 ފުޅި ބަނގުރާ އަދި 45 ދަޅު ބަނގުރާއެވެ.

މިތަކެއްޗަކީ 2023 ވަނަ އަހަރުގެ އޮގަސްޓު 13 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 14 ވަނަ ދުވަހާ ހަމައަށް ކައްދޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެއާޕޯޓުގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.