ކުރަފި، ހޯނު، ފައިދިގު މަކުނު ފަދަ ސޫފި ދެކެ ބިރުގަންނަ މީހުން ވަރަށް ގިނައެވެ. ފައިދިގު މަކުނަކީ އޭގެ ތެރެއިން ވެސް ބައެއް މީހުން ވަރަށް ބިރުގަން އެއްޗެކެވެ.

ފައިދިގު މަކުނެއް ކޮޓަރި ތެރެއިން ފެނިއްޖެނަމަ ބިރުންގޮސް ކޮޓަރިއެއްގައި ނިދަން ނުކެރޭ މީހުންވެސް އެބައުޅެއެވެ. އެފަދަ ކަމެއް އޮސްޓްރޭލިއާގެ މީހަކަށް ވަނީ ދިމާވެފައެވެ. މިއީ ފައިދިގު މަކުނު ދެކެ ބިރުގަންނަ މީހުން އަޑުއަހާލަން ރަނގަޅު ވާހަކައަކަށް ވެސް ވެދާނެއެވެ.

އޮސްޓްރޭލިއާގެ އަންހެން ކުއްޖަކު ނިދާ ކޮޓަރީން ހާހަކަށްވުރެ ގިނަ ފައިދިގު މަކުނު ވަނީ ފެނިފައެވެ. އެ ތަކެތި ނުކުމެފައިވަނީ އެކޮޓަރީގެ ސީލިންގުން ހަލާކުވެފައިވާ ތަނަކުންނެވެ. އެހާ ގިނަ ޢަދަދެއްގެ ފައިދިގު މަކުނު އެއްތަނަކުން ފެނުމުން ކުރެވޭނޭ އިޙުސާސް ހިތަށް ސިފަވާނޭކަން ކަށަވަރެވެ.

އަންހެން ކުއްޖާގެ ކޮޓަރީގެ ސީލިންގުން ހަލާކު ވެފައިވާ ތަނެއްގެ ތެރެއިން ނިކުމެ ކޮޓަރީގެ ފާރުން ތިރިއަށް ފައިދިގު މަކުނުތައް ފައިބަމުންދިޔަ ތަން ފެނުނީ އެ އަންހެން ކުއްޖާގެ މަންމައަށެވެ. އެމަންޒަރު އޭނާއަށް ސިފަވެފައިވަނީ ވަރަށް ބިރުވެރު މަންޒަރެއްގެ ގޮތުގައެވެ.

އެ އަންހެން މީހާ ގެ އެކުވެރިއެއް ކަމަށްވާ ޕްރިންޕެޓާ ނަމަކަށް ކިޔާ މީހަކު ވަނީ އެމަންޒަރުގެ ޕޮޓޯއެއް ނަގައި ޓުވިޓަރ މެދުވެރިކޮށް ޢާއްމު ކޮށްފައެވެ. އެ ފޮޓޯ މިހާރު ވަނީ ވައިރަލް ވެފައެވެ. އެ ބެލުމަށްފަހު ގިނަ ބަޔަކު ވަނީ އެގެ އަންދާލަން ނުވަތަ އެގެ ދޫކޮށް އެހެން ގެއަކަށް ބަދަލުވުމަށް ޚިޔާލު ދީފައެވެ.

ޕްރިންފެޓާ ޙިއްސާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި އޭނާ ބުނެފައިވަނީ "ސިޑްނީގައި އުޅޭ އަހަރެންގެ އެކުވެރިއެއް އޭނާގެ އަންހެން ދަރިފުޅު ކޮޓަރިއަށް ވަންއިރު ފެނުނީ މި އެއްޗިހި" ކަމަށެވެ. އެ ފޮޓޯ އިން ފެންނަ ގޮތުގައި ވިންޑޯ ފްރޭމެއްގެ ދެ ކަން ވަނީ އެތައް ސަތޭކަ ކުދި "ހަންޓްސް މެންސްޕައިޑަރ" އިން ފުރިފައެވެ.

މީގެ އިތުރަށް އޭނާ ބުނެފައިވަނީ އެ މަކުނު ތަކަކީ އާންމުކޮށް ފެންނަ މިފަދަ ކުދިމަކުނުތަކާ އަޅާ ބަލާއިރު ސައިޒުގެ ގޮތުން ބޮޑު އެއްޗެހި ތަކެއް ކަމަށެވެ. އަދި އެއީ ވަރަށްބާރަށް ދުވެ، ފުންމާ އެއްޗެހިތަކެއް ކަމަށްވެސް އޭނާ ބުނެފައިވެއެއެވެ.

އެއްބަޔަކު ވަނީ އެ ފޮޓޯތަކަކީ އަސްލެއް ނޫންކަމަށް ބުނެފައެވެ. އެހެން ބުނަން ފެށުމުން ޕްރިންޕެޓާ ވަނީ އެ މަންޒަރުގެ ވީޑިއޯއެއް ވެސް ޓްވިޓަރ ގައި ހިއްސާ ކޮށްފައެވެ.

ޕްރިންޕެޓާ ވަނީ ފައިދިގު މަކުނުތައް ފެނުނު ވަގުތު އަންގައިދޭ ވީޑިއޯ އެއްވެސް އަޕްލޯޑް ކޮށްފައެވެ. އެތަކެތި ފުރަތަމަ ފެނިފައިވަނީ ޕްރިންޕެޓާގެ ރަޙުމަތްތެރިޔާގެ ދަރިފުޅަށެވެ. ދަރިފުޅު ވަނީ ވަގުތުން އެކަން އޭނާގެ މަންމައަށް އަންގައިފައެވެ. ނަސީބު ރަނގަޅު ކަމުން އެ ކޮޓަރިން ފެނުނު ފައިދިގު މަކުނުތަކަކީ " ހަންޓްސްމެން ސްޕައިޑަރ" އެވެ. މި ޒާތުގެ ފައިދިގު މަކުނަކީ މާ ނުރައްކާތެރި އެއްޗެއް ނޫނެވެ.

އޮސްޓްރޭލިއާގެ ގެތަކުން މިފަދަ ފައިދިގު މަކުނު ފެނުން ވެގެން ގޮސްފައިވަނީ އާންމު ކަމަކަށެވެ. މީގެ ކުރިން ވެސް އަންހެނަކަށް އޭނާގެ ގެއިން ވަނީ މިފަދަ ފައިދިގު މަކުނު ތަކެއް ފެނިފައިއެވެ. އެ ފަހަރު އެ ފެނިފައިވަނީ އެގޭގެ ފާރުގައި ހަރު ކުރެވިފާއި ހުރި ފޮޓޯ ފްރޭމެއްގެ ބިއްދޮށުންނެވެ. އެތަނުންވަނީ މަންމަ ފައިދިގު މަކުނަކާއި އޭގެ ދަރިން ފެނިފައިއެވެ. އޭނާ ވަނީ އެ މަންޒަރުގެ ވީޑިއޯއެއް ޓިކްޓޮކް މެދުވެރިކޮށް ސޯޝަލް މީޑިއާގައި ޙިއްސާ ކޮށްފައެވެ.

ކޮންމެއަކަސް މި ޚަބަރު ވެގެން ގޮސްފައިވަނީ މި ފަދަ ސޫފިތައް ދެކެ ބިރުގަންނަ މީހުން ފިތްކަނޑައިގެން ދިޔަފަދަ ޚަބަރަކަށެވެ.