އައްޑޫ ފުޓުބޯޅަ ޗެމްޕިިއަންޝިޕްގެ ގްރޫޕް ބީ އިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ފޭދޫ ސްޕޯޓްސް އިން ހޯދައިފިއެވެ.

ފޭދޫ ސްޕޯޓްސްއިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ، އެޓީމާއި މަރަދޫ އެފްސީ އާ މިއަދު ހަވީރު ވާދަކޮށް 2 ލަނޑު އެއް ލަނޑުން މޮޅުވެގެންނެވެ. މިއާ އެކު ފޭދޫ ސްޕޯޓްސް ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ 4 މެޗުގެ ތެރެއިން 3 މެޗުން މޮޅު ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިއަދު ހަވީރު އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ މަރަދޫ އެފްސީންނެވެ. މި ގޯލު 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ، ވިޝާމް ހަބީބްއެވެ. މިހާފުގައި މަރަދޫ އެފްސީން ރަނގަޅު ކުޅުމެއް ދެއްކައި ގޯލަށް ހަމަލާތަކެއް ދިން ނަމަވެސް ނިންމައި ލެވޭ ގޮތެއް ވަނީ ނުވެފައެވެ. މި ހާފުގައި ފޭދޫ ޓީމުގެވެސް ހަމަލާތައް މަރަދޫ ގޯލަށް ފޮނުވި ނަމަވެސް، އެޓީމަށް ވެސް ކާމިޔާބު ހަމަލާތަކެއް އުފެއްދޭ ވަރެއް ނުއެއް ނެގެއެވެ.

މެޗުގެ ދެވަނަ ހާފުގައި، ފޭދޫ ސްޕޯޓްސް އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ފަހަތުން އަރައި ދެ ލަނޑު ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 63 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ފޭދޫ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޒުވާން ކުޅުންތެރިއާ ޔޫސުފް ސިދާމް އަލީއެވެ. މި ނަތީޖާ ބަދަލު ކުރަން މަރަދޫ ޓީމަށް ފުރުސަތު ލިބުނު ނަމަވެސް ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުކުރެވެއެވެ.

މި މެޗުން ފޭދޫ މޮޅުވުމުން އެޓީމަށްވަނީ ކުޅުނު 3 މެޗުން މޮޅުގެ 9 ޕޮއިންޓް ލިބިފައެވެ. މި ގުރޫޕުގެ ދެވަނަ މެދުވަލު އެފްސީ ހޯދާފައިވަނީ ކުޅުނު 2 މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދައިގެެންނެެވެ. ނަމަވެސް އެޓީމަށް އަދި ބާކީ ދެމެޗު ކުޅެން އެބައޮތެވެ. މަރަދޫ ޓީމު މުބާރާތުން ކަޓާފައިވަނީ އެއްމެޗު ބާކީ އޮވެ 3 މެޗުން ބަލިވުމާ އެކުގައެވެ.

މި މުބާރާތުގައި މާދާމާ ކުޅޭނީ، ގްރޫޕް އޭގެ އެފްސީ އަފިރިން އާއި އެފްސީ ޒެފިޔާއެވެ. މި ދެޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.