ސްރީލަންކާއާއި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަމުން އައި ޕްރޮގްރާމުތައް އަލުން ފަށަން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް މުޙައްމަދު އަސްލަމް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާއާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.

ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ ގޭގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އޮނަރަބަލް މުހައްމަދު އަސްލަމްވަނީ ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަމާއްސުރެ ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ފާހަގަކުރައްވައި އަސްލަމް ވަނީ ވާހަކަ ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންގެ މެދުގައި ކުރިން ހިނގަމުން އައި ޕްރޮގްރާމްތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން ހުއްޓިފައިވާ ތަމްރީން ޕްރޮގްރާމުތައް އަލުން ފެއްޓެވުމަށް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދާ ޔަޕާ އަބޭވަރްދޭނާގެ ވާހަކަފުޅުގައި ދެގައުމު ދެމެދުގައި އޮތް ގުޅުމަކީ ޒަމާންތަކެއްވީ ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި، ވެރިކަމަށް ބަދަލުއަޔަސް ދެގައުމު ދެމެދުގައި އޮތް ގުޅުމަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ސްރީލަންކާގެ އެކްޓިންގ ފޮރިން މިނިސްޓަރ އޮނަރަބަލް ތަރަކާ ބަލަސޫރިޔާއާ ވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ފާއިތުވި ތާނގައި ދެޤައުމު ދެމެދުގައި އޮތް ގާތްގުޅުން ފާހަގަ ކުރައްވައ،ި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ޤައުމަށްވެސް އިތުރަށް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.