ތައިލެންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ސްކީމްގެ ދަށުން ކުރިއަށް އޮތް ތަނުގައި ބަލިމީހުން ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އެހެން އިދާރާތަކާއެކު، އާސަންދަ ކުންފުނިން ފަށައިފިއެވެ.

އާސަންދަ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިވަގުތު ރާއްޖެ އިން ބޭރަށް އާސަންދަ ސްކީމްގެ ދަށުން ބަލި މީހުން ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އާއި ސްރީލަންކާއިން ކަމަށާއި ނަމަވެސް އެ ނޫން އެހެން ގައުމުތަކަށް ބަލި މީހުން ފޮނުވަން އާސަންދަ ކުންފުނިން ދެކޮޅު ކަމުގައި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި ހިމަނާފައިވާ ކަމަށެވެ.

އަދި އެފަރާތްތަކުން އެގޮތަށް ލިޔެފައިވަނީ މިދިޔަ މަހުގެ 12 ގައި ރައްޔިތުންގެ މަޖިލިހުގެ އެސްއޯއީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މި ހިދުމަތް އިތުރު ގައުމުތަކަށް ފުޅާ ކުރުމުގެ ވިސްނުމެއް އޭރު ނެތް ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ވިދާޅުވުމުގެ މަފްހޫމް އޮޅޭ ގޮތަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެގޮތުން މި ސަރުކާރުން ރަސްމީކޮށް އެކަން އިއުލާންކުރުމުން، އޭގެ މާ ކުރިން ދެކެވިފައިވާ ވާހަކަތަކަކަށް ރިއާޔަތްކޮށް މިއީ މި ކުންފުނިން "ދެކޮޅު" ކަމެއްގެ ގޮތުގައި އާއްމުންނަށް ސިފަވާހެން ހަބަރު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅި ރައްޔިތުންގެ ހިތްތަކުގައި ނުތަވަސްކަން އުފެދޭނެ ކަމެއް ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.