ޢަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާރު ވެސް އެމަޤާމުގައި ހުންނެވި އައްޝައިޚް ޢިމްރާން ޢަބްދުﷲ އިންތިޚާބު ކުރައްވައިފިއެވެ. އެޕާޓީގ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް މިފަހަރުވެސް ޢިމްރާން އިންތިޚާބު ކުރުމުން އެނގިގެންދިޔައީ ޕާޓީގެ މެމްބަރުންގެ ތާއީދާއި އިތުބާރު އަދިވެސް އޭނާއަށް އޮތް ކަމެވެ.
ޢިމްރާނަކީ މިސަރުކާރުގެ ހޯމް މިނިސްޓަރު ވެސް މެއެވެ. އެޕާޓިގެ ރައީސާއި ނައިބު ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގެެ ވޯޓުލުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މިއިންތިޚާބުގައި ޕާޓީގެ ރައީސް ކަމަށް ޢިމްރާނާ ވާދަ ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރެވެ.
މިއިންތިޚާބު ޢިމްރާން ކާމިޔާބު ކުރެއްވީ 921 ވޯޓު ހޯއްދަވައިގެންނެވެ. ޑރ. ޒާހިރަށް ލިބިވަޑައިގެންފައިވަނީ 167 ވޯޓެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ ފަސް ދުވަސް ތެރޭގައި އިޢުލާން ކުރައްވާނެއެވެ.
މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް އޮންލައިންކޮށް ބޭއްވި ފުރަތަމަ ފަހަރުވެސް މެއެވެ. މިއިންތިޚާބުގައި ވޯޓު ދީފައިވަނީ އެއްހާސް އަށްޑިހަ އަށް މީހުންނެވެ.
މިއިންތިޚާބަށް ކެންޕޭން ކުރައްވަމުން ޢިމްރާން ވިދާޅުވެފައިވަނީ ޢަދާލަތު ޕާޓީ ނައްތާލުމަށް މަސައްކަތް ކުރާ ބަޔަކު އެބަތިބި ކަމަށެވެ. އެހެންކަމުން އެކަން އެބަޔަކަށް ކަމިޔާބުވިޔަ ނުދިނުމަށް އެކަމުގެ ހުރަކަށް ވެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަން އެފަރާތްތަކަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ކޮންމެހެން ވެސް އޭނާ ޕާޓީގެ ރައީސްކަމަށް އިންތިޚާބު ކުރުން މުހިންމުކަން އޭނާ ވަނީ ހާމަކޮށްދެއްވައިފައެވެ.