ކޮންމެ ކަހަލަ ކަސްރަތެއްވިޔަސް ގަވާއިދުން ކުރާނަމަ އޭގެ ފައިދާ ސިއްހަތަށާއި ހަށިގަނޑަށް ނުހަނު ފުރިހަމައަށް ލިބޭނެއެވެ. ހަށިގަނޑަށް ދުޅަހެޔޮ ބަދަލުތަކެއް ގެނައުމަށް ހަށިގަނޑަށް ފައިދާ ހުރި ކަސްރަތެއް ގަވާއިދުން ކުރުމަކަށް މާގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހެއެވެ. މިކަމަށްޓަކައި ބޭނުންވަނީ ކޮންމެ ދުވަހަކުވެސް ހަމައެކަނި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ވަގުތު މިކަމަށް ހިތާއި ސިކުނޑިން ކަމަށް ހުސްވެގެން ގަޑިއެއް ވިޔަސް، ދެގަޑި ނޫނީ ތިންގަޑިއިރުވިޔަސް، ސަމާލުވެ މިކަން ފުރިހަމައަށް ކުރުމެވެ.

ކަސްރަތުގެ ހަގީގީ ބޭނުމަކީ ދުޅަހެޔޮކޮށް ހުރުމާއި ހިތުގެ ހިނގުމާއި ބައެއް ހޯމޯންތައް ކޮންޓްރޯލް ކުރުމެވެ. ހަށިގަނޑު ބާރުގަދަ ކުރުމުގެ ގޮތުން ނުވަތަ ގައިގެ މަސްތައް ވަރުގަދަ ކުރުމުގެ ގޮތުން ކުރާ ކަސްރަތުތަކަކީ މުޅިން ތަފާތު ވައްތަރެއްގެ ކަސްރަތުތަކެކެވެ. މިއީ ބަރުއުފުލުން ފަދަ ކަންތައްތަކުން ކުރާކަސްރަތެކެވެ. މިކަސްރަތުތަކުން ހަށިގަނޑުގެ މަސްތައް ވަކިގޮތަކަށް ބަހައްޓައި، މަސްތައް ވަރުގަދަ ކުރުމަށް ކުރިއަށް ގެންދެވޭ ހަރަކާތްތަކެކެވެ.

ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި އުމުރުން ފަސްދޮޅަސް އަހަރުގެ ފިރިހެނަކު ކޮންމެ ހަފްތާއަކު ދެފަހަރު ބާރަހަފްތާ ވަންދެން ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށް ކުރެވޭ ބާވަތުގެ ކަސްރަތު ކުރާނަމަ އެމީހެއްގެ ދަރިފަނި އުފެއްދުމަށް ބޭނުންވާ ހޯމޯނެއްކަމަށްވާޓެސްޓެސްޓެރޯން އުފެއްދުން ތިރީސްއަހަރުގެ ފިރިހަނަކާ އެއްވަރުވާނެކަމަށްވެއެއެ. އާންމުގޮތެއްގައި ފިރިހެނުންގެ މިފަދަ ހޯމޯންތައް އުމުރުން ތިރީހުން މައްޗަށް ދިއުމުން ދަށްވެއެވެ. އެހެންކަމުން، ހާއްސަކޮށް، ޒުވާންކަންމަތީ ދެމިތިބުމަށް ބޭނުންވާ ފިރިހެނުންނަށް މިބާވަތުގެ ކަސްރަތުތަކަކީ ޝައުގުވެރި ކަސްރަތުތަކެކެވެ.

ބަރުއުފުލައިގެން ހަށިގަނޑުގެ މަސްތައް ވަރުގަދަކޮށް ބައްޓަން ކުރެވުނަސް ދުވުން، ހިނގުމާއި ފެތުން ފަދަ ކަންތައްތަކުން ކޮންޓްރޯލް ކުރެވޭ ބައެއް ހޯމޯންތައް ޖިމަށް ގޮސްގެން ނޫނީ ބަރު އުފުލައިގެން ކޮންޓްރޯލް ނުކުރެވެއެވެ. އެހެންކަމަށްވުމުން ހަގީގީ ކަސްރަތު ކުރުމަކީ ކޮންމެހެން ޖިމަށް ގޮސް ބަރުއުފުލާފަދަ ކަންތައް ކުރުންކަމާމެދު ބައެއް ފަރާތްތަކުން ދެކޮޅު ހަދައެވެ. މިފަރާތްތަކުން ދެކޭ ގޮތުގައި ދުޅަހެޔޮސިއްހަތެއްގައި ހުރުމަށް ކުރަން ޖެހޭ ކަސްރަތުތަކުގެ ތެރޭގައި އެމީހެއްގެ ހަށިގަނޑާއި ސިއްހަތު ތަންދޭފަދަ ކަންތައްތަކުން ފުދޭނެއެވެ.

ކޮންމެއަކަސް ތަފާތު އެކި ހިޔާލުތަކުގެ ތެރެއިންވެސް ފުރޭނިގެން ނެރެވޭ އެއް ހަގީގަތަކީ ހަށިގަނޑާއި ސިއްހަތު ދުޅަހެޔޮކަމާއެކު ފުރިހަމަބާރެއްގައި ބެހެއްޓުމަށް ކޮންމެ މީހަކަށްވެސް އެމީހަކާ ގުޅޭ އެމީހެއްގެ ހާލަތުތަންދޭފަދައަކުން ކަސްރަތު ކުރުމުގެ މުހިންމުކަން ބޮޑުކަމެވެ. ކަސްރަތު ކުރުމުގެ މާނައަކީ ފަހަރެއްގައިވެސް ރަޖިސްޓްރީވެގެން ޖިމަކަށް ދިއުމެއްނޫނެވެ.

ޖިމާއި ފިޓްނެސް ސެންޓަރު ތަކަށް ދިއުުމުން އޮންނަ ފައިދާއަކީ ކަމާބެހޭ ހާއްސަ އިލްމު ހުރި ފަރާތްތަކުގެ އެހީއާއި ބެލެހެއްޓުންތެރިކަން ލިބުމާއެކު ހަށިގަނޑާއިސިއްހަތުގެ ދުޅަހެޔޮކަން ބައްޓަން ކުރުމުގެ ފުރުސަތުލިބިގެންދިއުމެވެ. ހަމަ މިގޮތަށް އަމިއްލައަށް ވަކިގަޑިއެއް ކަނޑައަޅައި މެދުކެނޑުމެއްނެތި ދެމިގެންދާ ގޮތަކަށް ކޮންމެ ދުވަހަކުވެސް ކަސްރަތުގެ އެކިކަހަލަ ކަންތައް ކުރެވިދާނެއެވެ. ކަމަށް ފެށުމުގެ ކުރިންސިއްހީ އެހީތެެރިއެއް ނޫނީ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންދިއުން އެދެވިގެންވެއެވެ.

ކަސްރަތުކުރުމަކީ ތިމާ ހަރަކާތްތެރިވެ، ހެލިފެލިވެ އުޅުމުގެ ތެރެއިން ސިއްހަތާއި ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތް ކުރުމެވެ. އެއީ ހިނގުން ކަމަށްވިޔަސް، އެކްސަސައިޒް ކުރުން ކަމަށްވިޔަސް، ދުވުން ނުވަތަ ފެތުން ކަމަށްވިޔަސް އަދި ފިޓްނެސް ސެންޓަރަކަށް ދިއުންކަމުގައިވިޔަސް ހަގީގީ މަގުސަދު ފުރިހަމަ ވަންޏާ ބޭނުން ފުދުނީއެވެ.

(މައުލޫމާތު؛ ހެލްތުލައިން, ހެލްތީލައިފް,މާޔޯކްލިނިކް)