ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމަށަ ގދ. މަޑަވެލި ތައްޔާރުވެއްޖެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤް އިބްރާހީމާއި، މަސްވެރިކަމާ ބެހޭ، ވަޒީރު އަޙްމަދު ޝިޔާމް މިހާރުވަނީ އެރަށަށް ވަޑައިގެންފައެވެ. މީގެ އިތުރުން ޑައިވް އިންސްޓްރަކްޓަރުންނާއި ވުޒާރާގެ އިސްވެރިން ވެސް ވަނީ އެރަށަށް ވަޑައިގެންފައެވެ. މަޑަވެލީން ވަނީ އެބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ހިންގަވާ މުހިންމު ހަރަކާތެކެވެ. އެމަނިކުފާނު ކަނޑުއަޅުއްވައިފައިވާ މިފަދަ ސިޔާސަތު ތަންފީޒު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާލެއް އަވަސްކަން ވަރަށްބޮޑަށް ވަނީ ފާހަގަވެފައެވެ. ޚާއްސަކޮށް މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދަވަން މަސައްކަތްކުރާލެއް އަވަސްކަން ފާހަގަވެއެވެ.

ރައީސްގެ ސިޔާސަތުގެ ދަށުން މި ޕްރޮގްރާމް ހިންގުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އޮޑިވެރިންނާއި ކެޔޮޅުންނާއި ފަޅުވެރިންނަށް ޑައިވިންއާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުވުން ހިމެނެއެވެ. އެކަން ކުރެއްވުމަށް ސަރުކާރުން ވަނީ ގައުމީ ފެންވަރުގައި ކެމްޕެއިނެއް ހިންގުމަށް ނިންމަވައިފައެވެ.

މި ކެމްޕެއިން މެދުވެރިކޮށްޤާނޫނާއި ޤަވާއިދުތައް އައި ގޮތްތަކާއި އޭގެ މުހިންމުކަން މަސްވެރިންނާ ހިއްސާކޮށް އަހުލުވެރިކުރައްވާނޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.