ނާފިޔާ އޭނާގެ އެންމެ ގާތް އެއް އެކުވެރިއެއް ކަމަށްވާ މަރީއާ އެކު އޭނާގެ ރަށަށް ޗުއްޓީއެއް ހޭދަކޮށްލަން ދިޔައެވެ. މި ދަތުރުގައި ނާފިޔާގެ ފިރިމީހާ އާއި ދަރިފުޅުވެސް ބައިވެރިވިއެވެ. ދެ ގަޑިއެއްހާ އިރުން ދެވޭ މި ރަށަށް ނާފިޔާމެނަށް ދެވުނުއިރު ދުވަހުގެ އިރު އޮއްސެން ކައިރި ވެއްޖެއެވެ.

މަރީގެ އާއިލާގެ މީހުން ނާފިޔާގެ އާއިލާއަށް ވަރަށް ރަނގަޅެވެ. ގެއަށް ދިޔައިރު ހުރީ އެ ކުޑަ އާއިލާ ތިބޭނެ ކޮޓަރިއެއް ތައްޔާރު ކޮށްފައެވެ. ނާފިޔާގެ ހަތް އަހަރުގެ ފިރިހެން ދަރިފުޅު ހިތްހަމަޖެހޭގޮތަށް ޑިޒައިން ކޮށްފައިހުރި އެ ކޮޓަރީގައި ރޭސްކާރު ބަންކުބެޑެއް ހުރުމުން އޭނާ ވަރަށް ހިތްމަޖެހި އުފާވިއެވެ.

ހަވީރު ސައިބޮއިގެން ކޮޓަރިތެރޭ ކުޅެން އުޅެލުމަށްފަހު ނާފިޔާގެ ދަރިފުޅު ފާޚާނާ އަށް ވެއްދީ ފެންވަރުވާލާށެވެ. ދަރިފުޅު ފާޚާނާ ކުރުމަށް ބޭންދުމަށްފަހު ނާފިޔާ ކޮޓަރީ އެނދުމަތީގައި އިށީނެދެއްޖެއެވެ. ފަސްވަރަކަށް މިނެޓް ފަހުން "މަންމާ ކަރަންޓް ހިނގައްޖެ" ނާފިޔާގެ ދަރިފުޅު ގޮވައިލިއެވެ. ނާފިޔާ ވަރަށް ހައިރާންވެއްޖެއެވެ. ހައިރާން ވާނެތާއެވެ! ކޮޓަރީގައި ހުރި އެއްވެސް ބޮތްކެއް އަދި ފަންކާގެވެސް ޙަރަކާތެއް ނުހުއްޓެއެވެ. ދަރިފުޅުގެ އެ އަޑާއެކު ނާފިޔާ ގޮސް ފާޚާނާ ދޮރުމައްޗަށް ހުއްޓުނުއިރު ބޮކި ހުރީ ދިއްލިފައެވެ. ދަރިފުޅު ނުނިމޭތީ ފާޚާނާ ދޮރުމަތީގައި ނާފިޔާ ކުޑަ އިރުކޮޅަކު މަޑުކޮށްލިތަނާ އަނެއްކާ ވެސް ފާޚާނާ ބޮކި ނިވިއްޖެއެވެ. ހަމަ އެވަގުތު ދަރިފުޅު ސިއްސައިގެންގޮސް ކޮށްލި ހަރަކާތަކުން ބޮކި ދިއްލިއްޖެއެވެ. ނާފިޔާ ހީކުރީ ފާޚާނާގެ ބޮކި އަނދަނީ ކަމަށެވެ.

މި ސަކަރާތެއް ހިނގި ވާހަކަ އެރެއަކު ނާފިޔާ އެއް ނުދައްކައެވެ. ނަމަވެސް އެރޭ ފަތިހުވެސް މި ކަންތައްގަނޑެއް ލައްވައި ލައިފިއެވެ. މިފަހަރު މިކުޅިވަރުގައި ފުރަތަމަ އުޅެން ޖެހުނީ ޚުދު ނާފިޔާ އެވެ. ފަތިހު ފާޚާނާ ކޮށްލަން ގޮސް އިށީނދެ އިރުކޮޅެއް ވީއިރަށް ބޮކި ނިވިއްޖެއެވެ. ހަމަ ތެދުވެލި އިރަށް ބޮކި ދިއްލިއްޖެއެވެ. ނުތެދުވެ ޙަރަކާތެއް ކޮށްލިޔަސް ބޮކި ދިއްލެއެވެ. އެތައް ފަހަރަކު މިގޮތަށް މިކަންތައް ތަކުރާރު ވާންފެށުމުން ނާފިޔާއަށް ޔަޤީންވީ މިއީ ބޮކި އަނދަން އުޅެނީ ނޫންކަމެވެ. ނާފިޔާ ރުޅިއައިސް ދަތްކުނޑި ވިކައިގެން އިނދެ ތާހިރުވެ ފެންވަރާ ރީތިވެލައިގެން ބަދިގެއަށް ވަނެވެ. އެއިރު މަރީވެސް ބަދިގޭގައި ހުއްޓެވެ. ދެބުމަ ގޮއްޖަހައިގެން ހުރެ މަރީއާ ދިމާއަށް ނާފިޔާ ބުނެފިއެވެ. އެކޮޓަރީ ފާޚާނާގެ ބޮތްކަށް އެވަނީ ކިހިނެއްހެއްޔެވެ؟ ބާރު ހިނިގަނޑެއް ޖަހާލާފައި މަރީ ބުޏެވެ. މަށާ ތިޔަ ސުވާލު ނުކުރާށެވެ. ދޮންބެ ގާތު އަހާށެވެ. އޭރު މަރީ އާއި ނާފިޔާގެ އަޑު އިވޭ ހިސާބު ފެންޑާގައި ނިކަން ލާނެއް ގޮތަކަށް ހެވިފައި މަރީގެ ދޮންބެ ހުއްޓެވެ. މަރީމެން ދެ އެކުވެރިންގެ ވާހަކަ އަޑު އަހާށެވެ. ނާފިޔާ ގޮސް މަރީގެ ދޮންބެޔާ އަރާ ހަމަވުމުން ބުޏްޏެވެ. ނާފިޔާ ކޮއްކޯއެވެ. އެވާގޮތް އެނގޭ ހެއްޔެވެ؟ ބައެއް މީހުން ތަށިމަތީ ތިބެ ނިދާނެއެވެ. އެހެންވެ އެގޮތަކަށް ނިދިދާނެތީ ކޮށްފައިވާ ކަމެކެވެ. މަރީގެ ދޮންބެ އެހެންބުންޏަސް ނާފިޔާ އަށްވެސް އެނގެއެވެ. މީހުން ތަށިމަތީގައި ތިބެ ނިދާތީއޭ ކިޔާފައި ފާޚާނާގައި އުޅޭ މީހާ ހަރަކަތެއްނުކޮށް ވަކި ވަގުތެއް ހަމަވާއިރަށް ބޮކި ނިވޭގޮތް ނުހަދާނެއެވެ.

"ކަރަންޓު ޚަރަދު ކުޑަކުރަން ކުރި ކަމަކުން އެތައް ފައިދާއެއް ލިބިއްޖެ. ތަށިމަތީގައި ގިނައިރުވުން ހުއްޓުން. ތަށިމަތީގައި ނުނިދުން، ފޯނާ ކުޅުން ފަދަ ކަންތައް ހުއްޓުވުން. އެހެން މީހުނަށް އަވަހަށް ފާޚާނާ ލިބުން. ފާޚާނާ ބޮކި ނުނިއްވާ މައްސަލައިގައި ޒުވާބު ކުރަން ނުޖެހުން ފަދަ ވަރަށް ގިނަ ކަންތައްތަކަށް ހައްލު ލިބިއްޖެ،" މަރީ ދޮންބެ ހެމުން ނާފިޔާ އަށް ކިޔައިދިނެވެ. އެއީ މޯޝަންސެންސަރ ބޮތްކެކެވެ.