ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ސަރުކާރުން ހާމަނުކުރުމަކީ ކަންބޮޑުވުމެއް: މެމްބަރު އާދަމް ޝަރީފް

0

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތްތަކާއި ގުޅޭ މައުލޫމާތު ސަރުކާރުން އެކަށީގެންވާ ވަރަށް ހާމަނުކުރުމަކީ ކަންބޮޑުވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ މަރުތަކުގެ ހަގީގަތް ހޯދުމަށް ތަހުހީގީ އިދާރާތަކުން ކުރެވެމުންގެންދާ މަސައްކަތްތައް އާންމުންނާ ހިސާބަށް ފޯރުކޮށް ނުދެވޭ ކަމަށެވެ. ދާދި ފަހުން މައްޗަންގޮޅި ގެއެއްގެ ޓެރަސް މަތީ މަރުވެފައިވާ މީހަކު ފެނިފައިވާކަން ފާހަގަކުރައްވައި އޭނާ ވަނީ އެއީ ކާކުކަމާއި އެމީހާ އެތަނަށް އެރިގޮތް އަދިވެސް ސަރުކާރުން ހާމަނުކުރާކަން ފާހަގަކުރައްވާފައެވެ. އަދި މިމަހުގެ 4 ވަނަ ދުވަހު ހުޅުމާލޭގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މައްސަލާގައި އެކަށީގެންވާ މައުލޫމާތު އާންމުންނާއި ހަމަޔަށް ގެނެސްދެވިފާނުވާކަންވެސް އާދަމް ޝަރީފް ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފުލުހުން މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ގާސިމްގެ ތަހުގީގު އެކަށީގެންވާ ވަަރަށް ކުރެވެމުންދާކަން އެނގޭނެ ގޮތެއްވެސް ނެތެވެ.

“އެހެން މީހަކު (ގާސިމް ހަސަން) މާރާލައިފާ އޮތްކަމަށް މިވަނީ ހުޅުމާލޭގައި. އެކަމާ ބެހޭގޮތުންވެސް އެކަށީގެންވާ މައުލޫމާތެއް އާންމުންނާ ހަމަޔަށް ގެނެސްދެވިފައެއް ނުވޭ. އެ ތަހުގީގުތައް އެކަށީގެންވާ ވަރަށް ކުރެވެމުންދާކަންވެސް އަޅުގަނޑުމެންނަށް އެނގިފައެއް ނުވޭ. މިކަންކަމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ ކަންތައްތައް.” އާދަމް ޝަރީފް ވިދާޅުވިއެވެ.

Advertisements

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ މިފަހަރުގެ އިންތިޚާބުގައި ސަރުކާރަށް އިދިކޮޅުގެ އަޑު އިއްވަންޖެހޭ ކަން ފާހަގަކުރައްވާފައެވެ. އޭނާ ހާމަކުރެއްވިގޮތުގައި ސަރުކާރުން ދުވާލު ހިންގަމުންގެންދާ ބޮޑެތި ވައްކަންތަކާއި ރައްޔިތުންނަށް ވަމުން އަންނަ އިހުމާލުތައް ހާމަކޮށްދީ ސަރުކާރު ޒިންމާދާރުކުރުވަން ޖެހެއެވެ. އެކަންކަން ހާސިލްކުރުމުގެ އަމާޒެއްގެ ގޮތުގައި ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތާވަލުކޮށްފައެވެ. މި އިންތިޚާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމާ ބެހޭ ގާނުނަށް ސަރުކާރުން ބޮޑެތި އިސްލާހުތަކެއް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން އެކަންކަން ވަނީ ފާސްކޮށްފައެވެ. އެ އިސްލާހުގެ ތެރޭގައި ކައުންސިލްގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކޮށްފައިވެއެވެ.

Advertisements