ފެޝަނުގެ ދުނިޔޭގައި ކޮންމެ ދުވަހަކީވެސް އާ އީޖާދެއް ތައާރަފްވެގެން އަންނަ ދުވަހެކެވެ. މޫސުމާ ގުޅޭ ފެޝަންތައް، ހާލަތާ ގުޅޭ ފެޝަންތައް، ދުވަސްތަކާ ގުޅުވައި މުނާސަބު ކޮށް ގެންނަ ފެޝަންތައް، މިހެން ގޮސް ހުސްނުވާ ވަރަށް އެކިކަހަލަ ފަރުމާތަކުން މިއަދު ބާޒާރު އޮތީ ފުރިފައެވެ. މީގެ އަސަރު އެންމެ ފުރިހަމައަށް ކުރަނީ އަންހެންކަނބަލުންނަށެވެ.

މިދުވަސްވަރު މިއޮތީ ގަޔަށް ދޫ ފެޝަނެއް ތައާރަފް ވެފައެވެ. ވަކި ބައްޓަމެއް ނެތެވެ. ކޮންމެވެސް ކަންކުއްޗަކަށް ކަޑާލާފައި ބޮލުން ވައްޓާލެވޭނެ ހެން ފަހާލަނީއެވެ. ދެން މެދުހަށްޓާ ދިމާއަށް ވާ ގޮތަށް ބަންދެއް އަޅާލީމަ ހެދުން ފުރިހަމަވީއެވެ.

މިހެދުންތަކުގެ އަގަކަށް ބަލާނެ ކަމެއް ނެތެވެ. އަގު އަތްފޯރާ ފަށަށް ގެންނަން ބަޔަކު އަޑު އުފުލާ ތަނެއް ނުފެންނާނެއެވެ. ކާބޯތަކެތި އަގު ބޮޑު ވެއްޖެނަމަ ދެނަކާ ދެނެއް ނޯންނާނެއެވެ. އެކަމަކު މިހެން އަންނަ ފޮތި މުށަކާއި ރޭދާފަށްތަކަކުން ގުޅާލައި ރަބަރުފަށެއް ދަމާލާފައި އޮންނަ ހެދުން މަސްދުވަހުގެ ކޮއްތުގެ އަގާ އެއްވަރު ވިޔަސް އެ ހަމަ މޮޅު ވީމަކަމަަށް ދައުވާ ކުރާނެއެވެ. އަގު ބޮޑު ކަމަކަށް ނުވާނެއެވެ.

"މިއީ މިހާރުގެ އެންމެ ފަހުގެ ފެޝަން، އަގުވެސް ހުންނާނެތާ، ނުހަނު މޮޅު ފޮތި ވިއްޔަ، އެހާ މޮޅު ކޮށް ފަހާފައިވެސް އޮތީމަ އަގު ބޮޑުވާނެ!" މިއީ އަގު ބޮޑު ކަމުން ބަހެއް ބުނެފިނަމަ އަންނާނެ ޖަވާބެވެ.

ފެޝަން ނަން ކިޔާފައި ކޮންމެފަދަ އެއްޗެއް ބާޒާރަށް ނުކުތަސް އެއީ ހަމަ އެއްވަނަ އެހެންނޫންތޯ!