"ހެޕީ އެނިވަރސަރީ ބޭބީ،"
އިންސްޓަގްރާމްގައި ޕޯސްޓު ކޮށްލަން ތަފާތު ޕޯސް އަކަށް ހުއްޓި ފޮޓޯ ނަގަން ޖެހުނެވެ. ޕްލާސްޓިކާއި ފުޅިމަދުން ހަދާފައިވާ ކޭކެއް ހިފައިގެން ހެވިފައި "ޖީއެފް"ގެ މޫނާ މޫނު ޖައްސައިގެން އެއް ފޮޓޯ، މާބޮޑި ދެނިކޮށް، ހައިރާންވެފައި އުފާވެފައި ލޯބިވެއޭ ބުނެ ފުންމައިގަންނަތަން މިއިން ކޮންމެ ކަމަކަށް އެއް މަންޒަރު، ވަންވީކް އެނިވަރސަރީ، ހަފްތާއަކު އެއްފަހަރު މި ސަކަރާތެއް ޖަހައެވެ.
މަހެއް ވީއިރު ހަތަރު "އެނިވަރސަރީ" ފާހަގަކޮށް، އިންސްޓާ، ފޭސްބުކް، ޓިކްޓޮކް ފުރޭވަރަށް ފޮޓޯ އަޅާފައި އޮތްތަން ފެނި މީހުންގެ ދޫ މަތީ "ވާއޮ، ޕާފެކްޓްކަޕްލް" އަށް ވެފައެވެ. ތެދެކެވެ. އެއްމަސްވެއްޖެއެވެ. ގުޅުމަށް ކަމެއް ފޮޓޯ ނަގައި އިޝްތިހާރު ކުރުމަށް ކަމެއް ނޭނގެއެވެ. އެނގޭ ވަރަކީ އަދި ހަމަޖެހިގެން ދެމީހުންނަށް ބައިގަޑިއިރު އެކަކު އަނެކަކާ ބެހޭ ގޮތުން ވާހަކަ ދެކެވި، މުސްތަގުބަލާމެދު ހިޔާލުބަދަލު ކުރެވިފައިވެސް ނެތްކަމެވެ.
މިހާރުދެން ވަރުބަލިވެއްޖެއެވެ. އެންމެ ފަހުން މިއަދަކީ އެއްމަސްވެގެން ބާއްވާ ހާއްސަ 'އެނިވަރސަރީ' ފާހަގަކުރުން އޮތް ރެއެވެ. ކެމެރާތައް ހުރީ ތައްޔާރަށެވެ. ދިރުމެއް ނެތް މާތަކާއި ކުޅަދާނަ އަތަކުން ތައްޔާރުކޮށްފައިވާ ރަހައެއް ވަހެއް ނެތް ކޭކުވެސް އެހެރީ ހަމަ ތައްޔާރަށެވެ. އެކަމަކު ގައިމުވެސް އަހަރެން ތައްޔާރެއް ނޫނެވެ.
"ހެޕީ އެނިވަރސަރީ، ބޭބީ،" އަނތްބަކަށް ވުމުގެ ހުވަފެން ބަލައިގެން އަހަރެން ލޯބިވެގެން ހިތާވި 'ރާނީ'ގެ ކުލަތަސްވީރުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަން އެނގުނީ އެކުގައި އުޅެން ފެށުމުންނެވެ. އިންސްޓަގްރާމާއި ފޭސްބުކްގައި ނުހަނު މައުސޫމު، އެހާމެ ގުޅުންތަކަށް އިހްތިރާމް ކުރާ، އަބަދުވެސް ކޮންމެވެސް ނަސޭހަތެއް "ޕޯސްޓު" ކުރާ މަންޒަރު ފެނިފެނި ހިތްޖެހި ހިތްދެވުނީއެވެ.
އެއްމަސް ކުރިން ވަދެގެން ދިޔަ "ހާއްސަޕޮއިންޓް،" (ކެފޭއެއްގެ މަތީ ހުންނަ ތަންކޮޅެއް) ގެ ދޮރުން ނުކުންނަމުން އެނބުރި ބަލާލީމެވެ. ރޮއި ހާންތިވެފައި ހުރެ މޭކަޕް ސަލާމަތްކޮށް ކަރުނައަށް އެޅި ފެނުން މޭކަޕް ނުދޮވެވޭނެހެން މަސައްކަތް ކުރަމުން ފޯނުން ފޮޓޯ ނަގައި ޕޯސްޓުކޮށްލިތަން ފެނުނެވެ.
"ވަންމަންތު އެނިވަރސަރީ، ބްރޭކްއަޕް، ހާޓްބްރޭކް،" ދެން އެ އަންނަން ފެށީ ހޭޝްޓެގްތަކެވެ.
އަމިއްލަނަފްސަށް ވެވުނު ހަމްދަރުދީ އިތުރަށް ބޮޑުވިއެވެ. ހަމްދުކުރެވުނީ ވަގުތުގެ ކުރިން ސަލާމަތްވެވުނީމަ އުފަލުންނެވެ.
އެމީހުންގެ ސޯޝަލް މީޑިޔާތަކުގައި ދިރިއުޅުން އިޝްތިހާރުކުރާ މި ކުލަތަސްވީރުތަކުގައި އެއްވެސް އަސްލެއް ނެތެވެ. ހައްތަހާވެސް ދެއްކުންތެރިކަމެވެ. ލޯތަކަށް ކެހި ދިނުމަށް ދައްކާ ކުލަ ފިލްޓަރތަކެކެވެ. ހަގީގަތުގައި މޮޅީވެސް ރީތީވެސް އެ ފެންނަ މީހާއެއް ނޫނެވެ. އެކަމަކު އެ މަންޒަރު ދައްކުވައިދޭ "ސޯޝަލްމީޑިޔާ ޕްލެޓްފޯމާއި އެމަންޒަރު ނަގައިދޭ ފޯނުތަކާއި ކެމެރާތަކެވެ.
ނަމަނަމަ ބައިވެރިއަކު ހިޔާރުކުރަން މި ސޯޯޝަލްމީޑިޔާގެ މަންޒަރުތަކުން ނުހޯދާށެވެ. ތިޔަ ފެންނަނީ ހައްތަހާވެސް އަސްލެއް ހަގީގަތެއް ނެތް ކުލަތަކާއި މަންޒަރުތަކެކެވެ. އެއީ ހަގީގަތެއް ނޫނެވެ.